23 Feb 2012, 16:45
ތޭވީސް ޑިސެމްބަރު އިއްތިހާދާއި ސަރުކާރަށް ތާއިދުކުރާ އަށް ސިޔާސީ ޕާޓީ ގުޅިގެން މާދަމާ ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ މަހާސިންތާ މާދާމާ ރޭގެ 12:00 ޖަހަންދެން ކުރިއަށް ގެންދިއުމަށް މިއަދު އިއްތިހާދުން ނިންމައިފި އެވެ.
ތޭވީސް ޑިސެމްބަރު އިއްތިހާދުގެ ސްޕޯކްސް ޕާސަން އަބުދުﷲ މުހައްމަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ އެ އިއްތިހާދުގެ މަހާސިންތާ ކުރި އޮތީ، މާދަމާ ހަވީރުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކަމަށް ވިޔަސް މިހާރު އެނިންމުން ބަދަލުކޮށް ދަންވަރު 12:00 ޖަހަންދެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މާދަމާގެ މަހާސިންތާ ރޭގަނޑު 12:00 ޖަހަންދެން ކުރިއަށް ގެންދަން ނިންމީ އަތޮޅު ތެރެއިން ވެސް ވަރަށް ގިނަ ބަޔަކު އެ މަހާސިންތާގައި ބައިވެރިވުމަށް މީހުން މާލެ އަންނަމުން ދާތީ އެ ފަރާތްތަކަށް ވެސް ޝުއޫރު ފާޅުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބޭފޫޅުން އެބަ ވަޑައިގަންނަވާ. އެބޭފުޅުން ވެސް އެބަ ބޭނުންވޭ ޝުއޫރު ފާޅުކޮށްލަން. މި މަހާސިންތާއަކީ ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން ބާއްވާ އެއްޗެއް ވީމަ ގިނަ ބޭފުޅުން ވާހަކަ ދައްކަން ބޭނުންވާތީ ކުރިން ކަނޑައެޅި ދެ ގަޑިއިރު ތެރޭގައި އެކަންކަން ނުވާނެ ކަމަށް ފެންނާތީ ވަގުތު އިތުރުކުރީ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާދަމާގެ މަހާސިންތާ ކުރިއަށް ދާއިރު ކުރިން ބޭއްވި 23 ޑިސެމްބަރު ގެ މުޒާހަރާއާއި އެއްގޮތަށް އެ ސަރަހައްދުގައި ނަމާދު ވަގުތުތަކުގައި ނަމާދުކުރުމުގެ އިންތިޒާމު ވެސް ހަމަޖެހިގެންދާނެ ކަމަށާއި މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ސުލްހަވެރިކަމާއި އެކު މުޒާހަރާކުރިއަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަން ދެން މުޒާހަރަގައި އެއްވެސް ހަމަނުޖެހުމެއް ނުހިގާނެ ކަން 23 ޑިސެމްބަރުގެ މުޒާހަރާވެސް ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް. އިރާދަ ކުރެއްވިއްޔާ މި މަހާސިންތާގެ ކަންކަން ވަރަށް ރަނގަޅަށް އަމާންކަމާއި އޮމާންކަމާއި އެކު ކުރިއަށް ދާނެ،" އަބުދުﷲ ވިދާޅުވި އެވެ.
އަބުދުﷲ ވިދާޅުވީ މާދަމާ ބާއްވާ މަހާސިންތާ އަކީ ރާއްޖޭގައި މިހާތަނަށް ނުބޭއްވޭ ބޮޑު މަހާސިންތާ އަކަށް ހެދުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށާއި އަތޮޅުތެރެއިން މަހާސިންތާގައި ބައިވެރިވުމަށް ވަޑައިގެންނަވާ ބޭފޫޅުންނަށް ދެއްވަން ޖެހޭ ހިދުމަތްތަށް އެންމެ ފުރިހައަމައަށް ދެއްވޭތޯ މަސައްކަތް ކުރަށްވާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން އިސްލާމުދީނަށް ފާޅުގައި ފުރައްސާރަ ކުރާކަމަށް ބުނެ މަދަނީ އިއްތިހާދައި އޭރުގެ އިދިކޮޅު އަށް ސިޔާސީ ޕާޓީގުޅިގެން ލޮނުޒިޔާރަތް ކޮޅުގައިމިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަދުވަހު ވަނީ ބޮޑުމުޒާހަރާއެއް ކޮށް ފައެވެ. އެއަށްފަހު ސަރުކާރު ބަދަލުވުމާއި ގުޅިގެން އެއިއްތިހާދުން މާދަމާބާއްވާ ބޮޑު މަހާސިންތާގައި މިހާރުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކާލުމުގެ ގޮތުން ބާއްވާ މާހާސިންތާއެކެވެ.