01 Sep 2021, 21:20
މާލެ ތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އެދޭކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިކަމަކީ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ މަސައްކަތެއްކަމަށެވެ.
"ރައްޔިތުންގެ ޝާމިލުވުން މިކަމުގައި ޝާމިލުވެގެން ނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ސާފުތާހިރުކަން މަތީގައި މި ސިޓީއެއް ނުބޭއްވޭނެ،" ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވެކްމޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއީން ވަނީ ވެމްކޯގައި ރަޖިސްޓްރީ ނުވާ ގޭބީސީ ތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީވުމަށް އެދިވަޑައިގެންފައެވެ.

މާލޭ ލޮކްޑައުން ކޮއްފައި ވާތީ މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވެމްކޯއިން ވަނީ މާލެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅުވަމުން ދިއުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގެ ގޭބިސީ ތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ހިދުމަތަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް އިއްޔެ ބުނެފައެވެ.
މިގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މި ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6:00 އިން 7:00 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ އެ ކުންފުނިން ހިދުމަތް ފޯރުކޮށްދޭނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށެވެ. މި ގަޑި ތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތްތެރިވަމުންދާނީ ރޭގަނޑު 8:00 އާއި 11:00އާ ދެމެދުއެވެ.
ވެމްކޯއިން ބުނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެކަމަށެވެ. މީގެ އިތުރުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކުންފުނީގައި ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީތަކަށް އެކަނިކަމަށެވެ.
މިހާލަތުގައިވެސް ރައްކާތެރި ގޮތުގައި ކުނި ބަންދު ކުރުމަށާއި އަންގާފައިވާ ވަގުތުތަކުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަންނަވާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
މީގެ އިތުރުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.