ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް މަސައްކަތެރިންނާ ގުޅޭ އެކި ޖަމުއިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ) ގެ މެންބަރުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، އެމްޓީޔޫސީގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާ ކޮށްފައެވެ.

މިގޮތުން ހުރިހާ މެމްބަރުންވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ގަނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާ ގުޅޭގޮތުންނެވެ.

މި ބައްދަލުކުރުމުގައި އެމްޓީޔޫސީގެ މެމްބަރުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މެމްބަރުން ފާހަގަ ކުރި ގޮތުގައި އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައިއެލްއޯ)ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާ ކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބެން އޮތީ މި ގާނޫނު ވުޖޫދުވެގެން ކަން ފާހަގަކުރިއެވެ.

މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައި ވިދާޅުވެ ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ ވަކި ވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.