ޓީޗަރުން ހަމަ ނުވުމުގެ ޝަކުވާއަކީ އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެެކެވެ. އެއާއެކު ރާއްޖޭއިން ބޭރުން ޓީޗަރުން ގެނެސް ކިޔަވައިދިނުމަކީ ރާއްޖޭގައި އަަބަދުވެސް ޓީޗަރުން ހަމަކުރުމުގެ ސަގާފަތް އޮންނަ ގޮތެވެ.

ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި އެއް މަސް ދުވަސް ފާއިތުވެފައިވާއިރު ހުޅުމާލޭގައި ހިންގާ ހުރަވީ ސްކޫލުން މިއަދު ކިޔަވައިދެމުން އަންނަ ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރަނީ 100 ޕަސެންޓު ދިވެހި ޓީޗަރުންނެވެ.

"ހުރަވީ" ސްކޫލު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. ދިވެހިންނަށް ފުރުސަތު ފަހި ފުރުސަތުތަކެއް ހުރިކަން ޔަގީންވެގެންދާ ކަމެކެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ މި ވަގުތު އެ ސްކޫލްގެ ޕްރިންސިޕަލްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދެވެ.

މި މަސައްކަތާ ގުޅޭގޮތުން ރަޝީދު "ސަން" އަށް ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ ސްކޫލްގައި ކިޔަވައިދޭ ހުރިހާ މުދައްރިސުންނަކީ ވެސް ދިވެހިންގެ ގޮތުގައި ހެދުންކަމަށެވެ.

"އެންމެ ފުރަތަމަ ސްކޫލް ހުޅުވިގެން އަޅުގަނޑުމެން ނުގެންނަން އެއްވެސް ބިދޭސީ ޓީޗަރެއް. އެކަމަކު ފަހުން ދިވެހިން ލިބުން ދަތި ވީމާ ދެން މިނިސްޓްރީ އާ ގުޅިގެން އަޅުގަނޑުމެން ހޯދިން ބޭރު ޓީޗަރުން. އެހެންނަމަވެސް މާކެޓުން ދިވެހިން ލިބޭ މިންވަރަކުން މަދުކުރަމުން ދިޔައީ،" އޭނާ ވިދާޅުވިއެވެ.

"ހުރަވީ" ސްކޫލު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އޭނާ އިތުރަށް ވިދާޅުވީ މައިގަނޑު ގޮތެއްގައި ވިސްނުން ގެންގުޅުއްވަނީ އަބަދުވެސް ދިވެހީންނަށް އިސްކަންދެއްވުމަށްކަމަށެވެ.

އެގޮތުން ޓީޗަރުންގެ ގޮތުގައި މީހުން ހޯދާއިރު އެއީ ދަރިވަރުންނާ ގާތުން ގުޅިގެން މަސައްކަތްކުރެވޭ ބައެއްތޯ ބަލާކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައްސަލައެއް ނެތް އޯލެވެލް ފެންވަރު ނަމަވެސް. އޭލެވެލް ނަމަވެސް. ޝައުގުވެރިކަން ހުންނަ ނަމަ އަޅުގަނޑުމެން އެ މީހަކު ނަގާނަން. އެއަށް ފަހު ދެން އަޅުގަނޑުމެން ހުޅުވާލަނީ އެމީހުންނަށް ކުރިއަށް ދިޔުމަށް އިތުރު ފުރުސަތުތަކެއް،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ޓީޗަރުންގެ ގޮތުގައި ގުޅޭ ފަރާތްތަކަށް އަބަދުވެސް ކުރިއަށް ދިޔުމަށްޓަކައި ފުރުސަތު ދެއްވާކަމަށެވެ.

"ހުރަވީ" ސްކޫލު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެގޮތުން ޓީޗިން ކޯސްތަކާއި މާއްދާތަކުން ކުރިއަށް ދިޔުމަށް އެހީތެރިވެ ދިނުމަށް ކޯސްތަކުން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެ މަގުތައް ފަހިކޮށްދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތަކީ ހުރަވީ ސްކޫލުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި އަބްދުﷲ ރަޝީދު އިސްނަންގަވައިގެން ކުރައްވާ މަސައްކަތެކެވެ.

އަދި އެއާއެކު މިއީ ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.