01 Sep 2021, 15:39
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަމަންޓްގެ މަސައްކަތްތައް އެ މިނިސްޓްރީގެ މިނިސްޓަރެއް ނެތި ކުރިއަށް ދިޔުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ މިނިސްޓަރު މަހުލޫފް ސަސްޕެންޝަނުގައި ހުންނެވި ނަމަވެސް އެ ސަސްޕެންޝަން އުވާލުމަށްޓަކައި ސަރުކާރުން އެއްވެސް ގޯސް މަގެއް އިހްތިޔާރު ނުކުރާނެކަމަށެވެ.
"މިކަމުގެ ތެރެޔަކަށް ސަރުކާރުން ނުވަންނާނެ. މިނިސްޓަރު މަހުލޫފާ ދޭތެރޭގައި ވަކި ކަމަކަށް ތުހުމަތު ކުރެވިގެން ޕްރޮސެކިއުޓާ ޖެނެރަލްގައި އެބައޮތް މައްސަލައެއް. ސަރުކާރުން މިކަމަަށް އެއީ ކޮންމެ ގޮތަކުން ވިޔަސް، އަވަސްކުރަން ނަމަވެސް ސަރުކާރުން މާ ބޮޑަކަށް ކުރެވޭނެ ކަމެއް ނޯންނާނެ،" މަބްރޫކް ވިދާޅުވިއެވެ.
އެހެންނަމަވެސް މަބްރޫކް ވިދާޅުވީ މަހުލޫފްގެ މައްސަލަ އަވަސްކޮށްދިނުމަކީ އަދިވެސް ސަރުކާރުން އެދޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އެދެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އަވަސްކުރުމަށް. ވަކި ގޮތަކަށް މިކަން ނިންމަ ދެއްވުމަށް. ވާހަކައަކީ އެ ނިމޭ ގޮތަކަށް ނިންމަން. އެހެންނަމަވެސް އަވަހަށް ގެންގޮސް ނިންމުން އެއީ ސަރުކާރުން އެދޭ ކަމެއް،" މަބްރޫކް ވިދާޅުވިއެވެ.
މަހުލޫފް މިނިސްޓަރުކަމުގެ މަގާމުން ދުރުކޮށްފައިވަނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވުމާ ގުޅިގެންނެވެ.
އެމްއެމްޕީއާރުސީ ހިޔާނުތުގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރުވެސް މަހުލޫފް ސަސްޕެންޑުކޮށްފައިވެއެވެ.
ޔޫތު މިނިސްޓްރީގެ ކަންކަން މި ވަގުތު ހިންގަމުން އަންނަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގެ ބެއްލެވުމުގެ ދަށުންނެވެ.