01 Sep 2021, 15:17
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ އަދި ދިރިއުޅުއްވާ ގެކޮޅު، މ.އަތަމާޕްލާޒާ ގަންނަން ޝަައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މިކަމާ ގުޅިގެން ޖާބިރު "ސަން"އަށް ވިދާޅުވީ އޭނާ އެެ ގެ ބައްލަވައިގަތީ އެގޭގެ ވެރިޔާ އަތަމާ އަބްދުއްލަތީފް މައްކާއަށް ހައްޖަށް މީހުން ފޮނުވަން ވެގެން ފައިސާގެ ދަތިކަމަކާ ކުރިމަތިވެ، އެ ގެ ވިއްކާލުމުން ކަމަށެވެ. އަދި އޭރު އެ ފަރާތަށް ނުދެއްކި ހަ ލައްކަ ރުފިޔާގެ ލޯނެއް އޮތް ކަމަށާއި ގެ ވެސް އޮތީ މޯގޭޖް ކޮށްފައި ކަމުގައި އޭނާ ކިޔައިދެއްވިއެވެ.
"ދެން އެ މޯގޭޖް އަޅުގަނޑުމެން ދެއްކީ. އެފަރާތުން ދައްކަން ޖެހޭ ޓޯޓަލް އެމައުންޓާއެކު ޖުމުލަ 11 ލައްކަ ޔޫއެސް ޑޮލަރު ދައްކައިގެން ގެ ގަތީ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އެ ގެ ބައްލަވައިގަތް ނަމަވެސް އެގޭގެ ލިޔެކިޔުންތައް އޭނާގެ ނަން މައްޗަށް ބަދަލުކޮށްފައެއް ނުވެއެވެ. ޖާބިރު ވިދާޅުވީ އެ ގޭގެ ރަޖިސްޓްރީ އޭނާގެ ނަން މައްޗަށް ބަދަލު ނުވެ އޮތީ ގާނޫނީ ގޮތުން ކޯޓުން އެކަމަށް ފުރުސަތު ނުދޭތީ ކަމަށެވެ.
އެ ގެ ވިއްކާލަން ސިވިލް ކޯޓުން އިއުލާން ކުރީ އެގޭގެ ވެރިޔާ އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގައެވެ.
ޖާބިރު ވިދާޅުވީ އޭނާގެ އިތުރު ދަރަނިތަކެއް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާއަށް އެކަމާ މީހުން ގުޅަން ވެސް ގުޅި ކަމަށެވެ.
"މިއޮތީ އެގްރީމަންޓް އަޅުގަނޑު އަތުގައި، މިއޮތީ ފައިސާ ދައްކާފައި، މިއޮތީ ރަޖިސްޓްރީ. ދެން އޭނަ ދަރަންޏަށް ފައިސާ ނަގާފަ އޮތް އެހެން މީހުން އަޅުގަނޑަށް ގުޅަން ފަށައިފި. ދެން އަޅުގަނޑު ބުނިން ތިއީ އަޅުގަނޑާ ބެހޭ މައްސަލައެއް ނޫނޭ." ޖާބިރު ވިދާޅުވިއެވެ.
އެ ގެ ގަންނާނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައިވާތީ އިއްޔެ ސިވިލް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ އެ ގޯއްޗާއި، އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދައު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ ފަހެއް ވާ ހޮނިހިރު ދުވަހުން ފެށިގެން ހަތެއްވާ އަންގާރަ ދުވަހުގެ 13:30 އިން 17:30 ގެ ނިޔަލަށް އެގެ ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
"އަޅުގަނޑު ވެސް މި ހުރީ ރާއްޖޭން ބޭރުގައި މިހާރު މި އެންގީ ޕޮލިސް މެދުވެރިކޮށް އެތަން ބަލަން ދާން،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އެއީ އޭނާ ދިިރިއުުޅުއްވާ ގެ ކަމަށާއި އަދި އޭނާގެ ދަރިން ވެސް ދިރިއުޅެމުންދާ ގެ ކަމަށެވެ. އަދި މިހާރު މި ގޮތަށް ކަންތައް ވުމުން ވަންނާނެ އިތުރު ތަނެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދިރިއުޅޭގެ އެއީ. އަޅުގަނޑުގެ ކުދިން ވެސް ދިރިއުޅޭ ތަން އެއީ. މަގުމަތިވާނެތާ ދެން ނެރެލީމަ،" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ މި މައްސަލައިގައި އޭނާ ހުރިހާ ކޯޓަކަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި އޭނާގެ ގާނޫނީވަކީލުން ތިއްބެވީ ވަރަށް "ޗާޖުވެފައި" ކަމަށެވެ.