01 Sep 2021, 14:16
ރާއްޖޭގެ ތައުލީމީ ތާރީހާ ބެހޭ ފޮތެއް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން މިއަދު ނެރެފިއެވެ.
އެމްއެންޔޫގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ މިނިސްޓްރީން ނެރެފައި ވަނީ "އެޑިއުކޭޝަން އިން ދަ މޯލްޑިވްސް 1900 - 2015 ޕޮލިސީސް، ތީމްސް އެންޑް އައުޓްކަމްސް"ގެ ނަން ދީފައިވާ ފޮތެކެވެ.
އެއީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ޔުނިވާސިޓީގެ ޗާންސެލަރު ޑރ. ހަސަން ހަމީދު އަދި ޑރ. ލެޒްލީ ވިޑޮވިޗް ލިޔުއްވާފައިވާ ފޮތެކެވެ.
މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އެ ފޮތުގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ 20 ވަނަ ގަރުނުގައި ތައުލީމާ ބެހޭ ނިންމުންތައް ނިންމަން ބޭނުން ކުރި ސިޔާސަތުތަކާ ބެހޭ މައުލޫމާތެވެ.
"މި ފޮތުގެ މައިގަނޑަކީ 20 ވަނަ ގަރުނުގަ ތައުލީމުގެ ކަންތައްތައް ބައްޓަންކުރި ސިޔާސަތުތައް، މި ސިޔާސަތުތައް ވުޖޫދުވެގެން އައި ސަބަބުތައް، ސިޔާސަތުތައް އެކުލަވާލެވިފައިވާ ގޮތާއި ސިޔާސަތުތައް ތަންފީޒުކުރުމުން ނުކުތް ނަތީޖާތައް،" އައިޝަތު އަލީ ވިދާޅުވިއެވެ.
އެ ފޮތް ނެރެދެއްވީ ހަފްލާ ޝަރަފުވެރި ކޮށްދެއްވަން ވަޑައިގެންނެވި، ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގް (ސޯދުބެ)އެވެ.
އެ ހަފްލާގައި ވާހަކަދައްކަވަމުން ސޯދުބެ ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން ފޮތް ނެރުމަކީ ގައުމަށް މުހިއްމު ކަމެއް ކަމަށެވެ.
މީގެ އިތުރުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒު އާދަމް ވަނީ ޔުނިވާސިޓީން ފޮތްތެރިކަން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
"ޔުނިވާސިޓީން ފޮތްތެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ކަމެއް މިއަހަރު ފަށައިފިން. ފުރަތަމަ ކަމަކީ ފޮތް ލިޔަން ބޭނުންވާ ޔުނިވާސިޓީގެ ދަރިވަރުންނާ މުވައްޒަފުންނަށް ބައެއް ކަންކަން ފަހި ކުރަން ފައިސާގެ އެހީ ދިނުން. މިކަމަށް އަޅުގަނޑުމެން މިއަހަރު މިލިއަނެއްހާ ފައިސާ ހަރަދުކުރާނެ. މިކަމުގެ ބޭނުމަކީ ޔުނިވާސިޓީ ތެރޭގައި ލިޔުންތެރިކަން ކުރިއެރުވުމަށާއި ފޮތް ލިޔެ ޝާއިރު ކުރުމަށް ހިތްވަރުދީ މިފަދަ ޕްރޮޖެކްޓުތަކަށް ފަންޑު ކުރުން. ދެވަނަޔަށް ފޮތްތެރިކަން ކުރިއަރުވަން ޔުނިވާސިޓީއިން މިއަހަރު ކުރާ ކަމަކީ ފޮތް ޝާއިއުކުރުން،" ޝެހެނާޒު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒް ވަނީ ކުރިއަތް އޮތް ތަނުގައި ޔުނިވާސިޓީން ވަރަށް ގިނަ ފޮތްތައް ޝާއިއު ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.