ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮންނަ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރެއްގައި ވަނީ އަންނަ މަހުގެ އެކެއްގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ދައްމާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އެގޮތަށް ނިންމެވީ، ރައްޖޭގައި އަދިވެސް ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން، އެ ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ ދެއްވުމުން ކަމަށް ގަރާރުގައިވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ 12އިގަ އެވެ. އެއީ 30 ދުވަހަށެވެ. އަދި އޭގެ ފަހުން ކޮންމެ މަހަކުވެސް އެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.

އެންމެ ފަހުން މިދިޔަ މަހު ކުއްލި ހާލަތު އިތުރު ކުރީ މިއަދާ ހަމަޔަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ އާންމު ކުރި ތަފާސް ހިސާބުގައިވާ ގޮތުން އިއްޔެ 152 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

އޭގެ ތެރޭގައި މާލެ ސަރަހައްދުން 26 މީހަކާއި އަތޮޅުތަކުން 74 މީހަކާއި ރިޒޯޓުތަކުން 48 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ހަމައެއާއެކު ސަފާރީތަކުން ހަތަރު މީހަކުވެސް ޕޮޒިޓިވްވެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 81،112 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ބަލި ޖެހިފައި ތިބީ 1,730 މީހަކަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 22 މީހަކަށެވެ.

މީގެ އިތުރުން ރާއްޖެއިން މިހާރު 302،182 މީހަކު ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.