01 Sep 2021, 15:13
ރ. އަލިފުށީ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޑިޒައިންކޮށް އިމާރާތް ކުރުމުގެ އުސޫލުން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރަން ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ.
އެ މަޝްރޫއުގެ ދަށުން އަލިފުށީގައި 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
އޭގެތެރެއިން 10 ހެކްޓަރުގެ ބިން ހާއްސަ ކުރާނީ ރަށުގެ ތަރައްގީ އާއި ގެދޮރުވެެރިކަމުގެ ބޭނުމަށެވެ. އަދި 40.5 ހެކްޓަރުގެ ބިމަކީ އެއާޕޯޓް ތަރައްގީ ކުރުމަށް ހިއްކޭ ބިމެވެ.
އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް އަޅާނެއެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 480 މީޓަރުގެ ގްރޮއިންއެއް ގާއިމު ކުރާނެއެވެ.
އެއީ 750 ދުވަސްތެރޭގައި ނިންމަން ހަމަޖައްސާފައިވާ، 451 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.