އައްޑޫ ސިޓީގައި ކޮވިޑް-19ގެ ހާލަތު ގޯސްވެ، މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު 200އަށް ވުރެ މައްޗަށް އަރައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު "ސަން"އަށް ވިދާޅުވީ އިއްޔެގެ ހަޔަކާ ހަމައަށް އެސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 215އަށް އަރާފައިވާ ކަމަށެވެ.

"މިހާރުގެ ހާލަތަށް ބަލާއިރު އެކްޓިވް ކޭސް ފުދޭވަރަކަށް ގިނަ" ޝުއާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޝުއާއު ވިދާޅުވީ އެކްޓިވް ކޭސްތަކުގެ އަދަދު މަތި ނަމަވެސް ބަލިހާލަތު ގޯސްމީހުން އެހާ ގިނަ ނޫން ކަމަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އައްޑޫގައި މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އިއްޔެކަމަށެވެ. އެގޮތުން އިއްޔެ އެކަނިވެސް އައްޑޫން 37 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ސިޓީގައި އެކްޓިވް ކޭސް އެންމެ ގިނައީ މަރަދޫގައެވެ. އެގޮތުން އެ ރަށުގައި ތިބި ބަލިޖެހިފައިވާ މީހުންގެ އަދަދު 106އަށް އަރައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތައް މިހާރު މޮނިޓަރިންއަށް ލައިފައިވާތީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް ދަނީ ކާފިއު ހިންގަމުންނެވެ.