23 Feb 2012, 15:37
ތިން މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު މެންޗެސްޓާ ސިޓީ އާއި ގުޅުނު އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ކުލަބުގެ ކިބައިން މައާފަށް އެދިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގައި މިދިޔަ ސެޕްޓެމްބަރު މަހު ބެޔާން މިއުނިކާއި ދެކޮޅަށް މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި މެޗަށް އެރުމަށް ދެކޮޅު ހެދުމުން ޓެވޭޒް އަށް ސަސްޕެންޝަނާއި އެކު ޖޫރިމަނާ ވެސް ކުރެވިފައިވެ އެވެ. އެ މެޗަށް ފަހު މެންސިޓީގެ ބެންޗުން ވެސް ޓެވޭޒް ފެނިފައެއް ނުވެ އެވެ.
މިމަހު މެންސިޓީ އާއި ގުޅުނު ޓެވޭޒް އަށް ޓީމުން ޖާގަ ދެވޭނީ މައާފަށް އެދުމުން ކަމަށް އެކުލަބުގެ ކޯޗު މަންޗިނީ ކުރިން ބުނެފައިވެ އެވެ. ޓެވޭޒް މައާފަށް އެދުމުން ޓެވޭޒް އަށް ޓީމުން މަރުހަބާ ކިޔާނެ ކަމަށާއި ޓްރެއިނިންގް ޕްރޮގްރާމްތަކާއި ގެން ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން ވެސް މަންޗިނީ ބުނެފައިވެ އެވެ.
"އަހަރެން މިހާރު ބޭނުން ވަނީ މެންސިޓީގައި ހުރެ ފުޓުބޯޅަ ކުޅުން ކުރިއަށް ގެންދަން." ޓެވޭޒް ބުންޏެވެ.
މެންސިޓީގެ ކޯޗް މަންޗިނީ އާއި މައްސަލަ ޖެހުމަށް ފަހު ޓެވޭޒް އަށް ގިނަ ދަތިތަކަކާއި ވެސް ކުރިމަތި ވެގެން ގޮސްފައިވެ އެވެ. އެގޮތުން ޓެވޭޒް އަށް 10 މިލިޔަން ޕައުންޑް ގެއްލިގެންދާނެ ކަމަށް ބެލެވެ އެވެ. މި ގެއްލުން ހޯދުމަށް މެންސިޓީ އާއި ދެކޮޅަށް ދައުވާ ކުރުމަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަކަމާއި މައާފަށް އެދުނުކަން އެކުލަބުން ޔަގީން ކޮށްދީފައިވެ އެވެ.
"ކުލަބުގެ ހުއްދައަކާ ނުލައި ތިން މަސްދުވަހު ކުޅުމާއި ދުރުގައި ހުރުމަށް ފަހު، ޓެވޭޒް ވަނީ މައާފަށް އެދިފައި. ކުލަބާއި ދެކޮޅަށް ޓެވޭޒް ހުށަހެޅި މައްސަލަތައް ވެސް އޭނާ ވަނީ އަނބުރާ ގެންގޮސްފައި. މިހާރު ކުލަބާއި އެކު އޭނާ ޓްރެއިނިންގް ޕްރޮގްރާމެއް ކުރިއަށް ގެންދޭ." ކުލަބުގެ ތަރުޖަމާނެއް ބުންޏެވެ.