ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ދިން އިރު ބައެއް މީހުންނަށް އިތުރަށް ދެވުނު ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މިދިޔަ މަހުގެ މުސާރަ ދިން އިރު ސިއްހީ ދާއިރާގެ 1796 މުވައްޒަފެއްގެ މުސާރައަށް އުނި އިތުރު އައިސްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ބައެއް މުވައްޒަފުންނަށް މާ ބޮޑުކޮށް މުސާރަ ދެވި، އެހެން މީހުންގެ މުސާރަ ކުޑަކޮށް ދެވުނު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ އެ މައްސަލަ ފާހަގަ ކުރެވުނީ ރޭ 7:45 ގައި ކަމަށެވެ. އަދި މައްސަލަ ދިމާވީ މުސާރަ ޝީޓްގެ އަދަދުތައް އިސްފަސްވުމުގެ ސަބަބުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މައްސަލަ ފާހަގަ ކުރެވުމާއެކު ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިނޭންސްއިން ބުންޏެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ އުނިވެފައިވާ ފަރާތްތަކަށް އެ ފައިސާ ދިނުމާއި އިތުރަށް ދެވިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މީގެ އިތުރުން މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މުސާރައާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ރާވާފައިވާކަން މިނިސްޓްރީން ބުންޏެވެ.