ރާއްޖެއިން އުމްރާއަށް މީހުން ގެންދަން މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަށް އެ ހުއްދަ ބޭނުން ކުރެވޭނެ މުއްދަތު އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުން އުމްރާއަށް ގެންދަން މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކަށް އެ ހުއްދަ ބޭނުން ކުރެވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

ނަމަވެސް ކޮވިޑް-19އިގެ ސަބަބުން މިދިޔަ އަހަރާއި މިއަހަރުވެސް އެ ކުންފުނިތަކަށް އުމްރާ ދަތުރުތައް ރާވާ ހިންގުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވެއެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން ވަނީ، އުމްރާއަށް މީހުން ގެންދިޔުމަށް މިހާރު ހުއްދަ ދީފައިވާ ކުންފުނިތަކުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރު ކުރަން ނިންމާފައެވެ.

އުމްރާއަށް މީހުން ގެންދިޔުމަށް އެ މިނިސްޓްރީން މިހާތަނަށް ހުއްދަ ދީފައި ވަނީ 37 ކުންފުންޏަކަށެވެ.

ކޮވިޑް-19އާ ގުޅިގެން ހައްޖާއި އުމްރާ ކުރުން މެދުކަނޑާލުމަށް ފަހު ސައުދީން އެންމެ ފުރަތަމަ ހައްޖާއި އުމްރާ ކުރުމަށް ހުޅުވާލީ އެގައުމުގެ ރައްޔިތުންނަށެވެ.

އޭގެ ފަހުން މިދިޔަ މަހުގެ ނުވައެއްގައި އެގައުމުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ބޭރު މީހުންނަށް އުމްރާ ކުރުމުގެ ހުއްދަ ދޭން ފަށާފައެވެ. އެގޮތުން ފުރަތަމަ ހުއްދަ ދޭން ނިންމާފައި ވަނީ މަހަކު 60،000 މީހުންނަށެވެ. ނަމަވެސް އެ އަދަދު ދެން އިތުރު ކުރަމުން ދާނެ ކަމަށް އެގައުމުން ވަނީ ބުނެފައެވެ.