ރާއްޖޭގައި މިހާތަނަށް އުފައްދާފައިވާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ގޮތަށް މަސައްކަތްކުރާ ޕާޓީއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އަމީންއާއްމު އަލްއުސްތާޒް އަހްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އަހްމަދު މުހައްމަދު ޕީޕީއެމާއި މިރޭވަނީ ގުޅިވަޑައިގެންފައެވެ.

މިއީ މީގެ ކުރިން ދެ ކޯޓެއްގެ ގާޒީކަން ކުރައްވާފައިވާ އަހްމަދު މުހައްމަދު، ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އަހްމަދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

"ޕީޕީއެމަށް ސޮއި ކުރީ އަޅުގަނޑު އެންމެ ހިތްހަމަ ޖެހޭ ޕާޓީއަކީ ޕީޕީއެމް ކަމަށް ވާތީ. އަޅުގަނޑު އެންމެ ހިތްހަމަ ޖެހެނީ ޕީޕީއެމުން އެ ކުރާ މަސައްކަތް. އަޅުގަނޑަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ޕީޕީއެމަށް ފޯރުކޮށްދޭނަން. އަޅުގަނޑު ކުރިއަށް ދާނީ ޕާޓީގެ މުހިއްމު އަސާސްތަކާއި އެއްގޮތަށް،" އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

ޕީޕީއެމުން އަންނަނީ އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ގިނަ މީހުން ޕީޕީއެމަށް ސޮއިކުރަމުން އަންނަކަމުގައި އެ ޕާޓީން ހާމަކުރެއެވެ.