01 Sep 2021, 08:15
"އޭނައަށް މިންނު ތިހާ އިތުބާރުކުރާއިރު އޭނަ މިންނު ދޫކޮށްނުލާނެތަ؟ މި ބުނީ މިހާ ދުވަސްވީއިރު އޭނަ ވެސް އިސްވެ ކައިވެނީގެ ވާހަކަ ދުވަހަކުވެސް މިންނު ކައިރީގައި ނުދައްކާތީ... އަހަރެން އަބަދުވެސް މިންނުއަށް ހެޔޮ އެދޭތީ!" ޔޫލިން ރޮށިކޮޅެއް އަނގަޔަށް ލަމުން ވާހަކަ ދެއްކިއެވެ.
"އަހަންނަށް އެނގެޔޭ ލީން އަހަންނަށް ދެރަގޮތެއް ވާން ނޭދޭނެކަން އެކަމަކު.. އަހަރެން އާހިލް ދެކެވެސް ވަރަށް ލޯބިވޭ. އޭނައަކީ އެެހެން މީހުން ކަހަލަ ފިރިހެނެއް ނޫނޭ... އޭނަ ދައްކާ ކޮންމެ ވާހަކައަކުން އަހަންނަށް އިޙްސާސްވަނީ ތެދުވެރިކަން. އަނެއްކޮޅުން ދެމީހުން ދުރުގަ ހުއްޓަސް ފޮޓޯ ފޮނުވަމެއްނު، އެހެންވީމަ އޯކޭ ވާނެޔޭ... ދެން ކާން ފަށަން ހިނގާބަލަ!" މިންހާ ވާހަކަ އަނބުރައިލި ގޮތުން އެ ވާހަކައާ މިންހާ އެހާ ގަޔާ ނުވާކަން ޔޫލިންއަށް އެނގުނެވެ. އެހެންކަމުން އޭނާވެސް އެވާހަކަ ބާއްވާފައި އެހެން ވާހަކައަކާ ދިމާލަށް މައުޟޫ އަނބުރައިލިއެވެ.
"ހިނގާބަލަ ކަމެއް ހިންގައިލަން. މޫދަށް ނުދާތާވެސް ލައްކަ ދުވަސްވެއްޖެ." ޔޫލިން ބުނެލިއެވެ.
"މޫދަށް ވެސް ދާންވީ. ބަތްމާވެސް މޮޑެންވީ. މަޖާވެސް ހަދަންވީ. ނުވިތާކަށް ބޮނޑިބަތްވެސް ކައްކަންވީ. އެކަމަކު މަށަކަށް ހިޔެއް ނުވޭ ލީންއާ އެކީ އެއްކަމެއްވެސް ކުރެވޭނެހެނެއް. ކުރީ ދެ ދުވަހުވެސް މޫދަށް ދާންކިޔާފަ ފަހުވަގުތު ދޯކާ ދިނީ..." މިންހާ ބުނެލިއެވެ.
"އެ ދެ ދުވަހު ދެން ދޯ... ސީރިއަސްކޮށް ހިނގާބަލަ ކޮންމެވެސް ކަމެއްކުރަން..." ޔޫލިން ބުނެލިއެވެ.
"ހެހެ އޯކޭ. ޕްލޭން ކުރާނީ ދޯ... އެކަމަކު މި ފަހަރު ޕްލޭން ފްލޮޕް ކޮށްފިއްޔާ ނިމުނީ. ލީން އާއެކީ ތަންތަނަށް ދިޔުން ނިމުނީ..." މިންހާ ބުނެލިއެވެ.
"ޑީލް.." ޔޫލިން ބުނެލިއެވެ. ދެމީހުން ސައި ބޮއި ނިންމާލައިގެން ނިކުމެލީ ގޯތި ތެރޭގައި ހުރި ޖޯލިފައްޗަށެވެ. އިށީނދެ ހަމަޖެހިލުމަށްފަހު ބަނޑުގައި އަތް ޖަހައިލަމުން މިންހާ ވާހަކަ ދެއްކިއެވެ.
"މާގަދައަށް ކެވިއްޖެ. މިހާވަރަށް ކާން ވެއްޖެއްޔާ މީހާ ބޮޑު ކަޅުހަމަކަށް ވެދާނެ."
"ތިޔެއް ނޫނޭ... ހަވީރުން ހިނގާބަލަ ފުއްޓަރަށް ގޮސްލަން. އެތަނުގައި އިށީނދެލެވޭ ގޮތަށް އަށިތައްވެސް އެބަހުރި ހަދާފަ." ޔޫލިން ބުނެލިއެވެ.
"ހިނގާދާން. އަނބު ބިނދެގެން އަސުރުކޮށްގެން އެ ދިމާލަށް ދާން ހަދާނީ... ގޮސްފަ މަޣްރިބަށް ގޮވަން ކައިރިވީމަ އަންނާނީ." އަނބު އަޅާ ބަރާވެފައިވާ އަނބުގަހަށް ބަލައިލަމުން މިންހާ ބުނެލިއެވެ.
"ސަޅި ވާނެ ފޮޓޯ ނަގަންވެސް. ކެމެރާވެސް އޮތީ ޗާޖު ގޮސްފަ. މަ ގޮސް އެ ޗާޖަށް ޖަހާނަން." ޔޫލިން އަކީ ފޮޓޯނަގަން ފޯރިހުންނަ ކުއްޖަކަށް ވުމާއެކު، އޭނާ ދާހާ ތާކަށް ކެމެރާ ވެސް ގެންދެއެވެ.
"މަށަށް ހީވެއްޖެޔޭ ތި ކަހަލަ ކޮންމެވެސް ސަކަރާތެއް ޖަހަންކަން ތިއުޅެނީ..." މިންހާ ބުނެލިއެވެ. އެއަށްފަހު އޭނަ ލުއިކޮށް ހީލިއެވެ. ޔޫލިން މިންހާގެ ކޮނޑުގައި ޖަހައިލިއެވެ. އެ ދެމީހުން އެތަނުގައި ތިއްބާ ހަނީފް ވެސް ނުކުމެލިއެވެ. އޭނަ ބަނބުކެޔޮ ގަހަށް ބަލަން ފެށިއެވެ.
"ބައްޕަ ކިހިނެއްވީ؟ ކީއްވެ މާވަރަކަށް ގަހަށް ތި ބަލަނީ؟" މިންހާ ސުވާލުކޮށްލިއެވެ.
"މިއުޅެނީ ބައްޕަ ރައްޓެއްސެއް ބުނެގެން. އޭނައަށް ބަނބުކެޔޮ ކޮޅެއް ވިއްކަބަލާށޯ. ބައްޕަ ބުނެފިން ދީފާނަމޭ." ހަނީފް ބުނެލިއެވެ.
ހަނީފް އެނބުރި އެތެރެއަށް ވަތްއިރުވެސް، އެ ދެމީހުން ވާހަކައިގައި އެތަނުގައި ތިއްބެވެ. އެހެން ތިއްބާ ޔޫލިން މަންމަ ސަކީނާ ގޮވައިލުމާއެކު އޭނާ ދާން ޖެހުނެވެ. ޔޫލިން ދިޔުމުންވެސް މިންހާ އެތަނުގައި އެތައްއިރަކު އޮތެވެ. ޖެހެމުންދިޔަ ލުއި ލުއި ވައިރޯޅިތައް އޭނާގެ އިސްތަށިގަނޑާ ގޯނާކުރަމުން ދިޔައިރު، އޭނާ ލޯ މަރާލައިގެން ތަނުގައިވި ހަމަހިމޭންކަމުން އުފާ ހާސިލް ކުރަމުންދިޔައެވެ. އޭނާގެ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. ސިކުނޑީގައި ދޮރުފަތުގައި ޓަކި ދެމުންދިޔައީ އާހިލްގެ ހަނދާންތަކެވެ. ހިތުގައި ލޯގަނޑަށް ތަސްވީރުކުރެވެނީ އޭނާއަށް ފެނިފައިވާ އާހިލްގެ ފޮޓޯތަކެވެ.
އަސުރުން އިރު ތިރިވިއިރު މިންހާ ހުރީ ބިން އަނބުތައް ކޮތަޅަކަށް އަޅާ ރިހާކުރުވެސް ކުޅިކޮށްގެންނެވެ. އޭނާ މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޔޫލިން އައިސް އެގެއަށް ވަނެވެ. މިންހާ ބައްޕަ ކައިރީގައި ބުނެލުމަށްފަހު ޔޫލިންއާއެކު، ރަށުގެ ފުއްޓަރުފަރާތާ ދިމާލަށް ދާން މިސްރާބުޖެހިއެވެ. ދެ އެކުވެރިން ވާހަކަ ދައްކަމުން ފުއްޓަރު މަގަށް ނުކުތްއިރު، ކޮންމެވެސް ވަރަކަށް މީހުން އެމަގުގައި ހަރަކާތްތެރިވަމުންދިޔައެވެ. ގިނައީ މަގު ކުނިކަހާ ސާފުކުރާ މީހުންނެވެ. ފުޅާ މަގުގެ މެދުގައި ބައްތިތައް ޖަހާފައިވާއިރު، ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތަކާއި ރުއްތަކުގެ ސަބަބުން އެހެން މަގުތަކަށް ވުރެ އެ މަގު އަނދިރިކަމަށް ދައްކައެވެ. ހަވީރުގެ ތާޒާ ވައިރޯޅިތަކުން ހިތްތަކަށް އަމާންކަމާއި ފިނިކަން ގެނެސްދެމުންދިޔައެވެ. އާދައިގެ ވަރެއްގައި ހިނގަމުން ގޮސް މިންހާއާއި ޔޫލިން ޖައްސައިލީ އެތަނުގައި ހުރި އުނދޯލީގައެވެ. ދެމީހުން ދެފަރާތުގައި ތިބެ ގެނައި އެއްޗެހި މެދުގައި ބެހެއްޓިއެވެ. ޔޫލިން އެ އެއްޗެހި ފޮޓޯ ނެގުމަށްފަހު، ކެމެރާ ހިފައިގެން ކަނޑުން ބިންދަމުންދިޔަ ރާޅުތަކުގެ ފޮޓޯނަގަން އެދިމާލަށް ޖެހިލިއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ޖެހެމުންދިޔަ ވައިރޯޅިތަކާ ގޯނާ ކުރަންފެށުމާއެކު، އޭނާ އިސްތަށިތައް ކަންފަތް ދަށަށް ލައްވައިލަމުން އޭނާގެ ހުރިހާ ސަމާލުކަމެއް ކެމެރާއަށް އަނބުރައިލިއެވެ.
ފުއްޓަރަށް ބިންދަމުންދިޔަ ރާޅުތަކުގެ އަޑުން އެތަނުގެ ހަމަހިމޭންކަން ފޫދުއްވާލާފައިވީނަމަވެސް، ޖެހެމުންދިޔަ ވައިރޯޅިތަކާ މާހައުލުގައިވި ފިނިކަމުން އުފާވެރިކަން އިޙްސާސްކުރެވެމުން ދިޔައެވެ. ބަަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ގުދުރަތުގެ ފުރިހަމަ މަނާޒިރެކެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ.
"މި ތަނަށް މޫދަށް އެރޭހިތެއް ނުވޭތަ؟" ޔޫލިން ތަންކޮޅެއް ބާރަށް މިންހާއަށް ގޮވައިލަމުން ބުނެލިއެވެ. އޭނަ އެހެން ބުނެލި އަޑަށް މިންހާ ވާހަކަ ދެއްކިއެވެ.
"އިހަށް އާދެބަލަ މިއެއްޗެހި ކާން. ހުވާ މަ ހުސްކޮށްލާނަން ނައިސްފިއްޔާ." މިންހާ ބުނެލިއެވެ. އެއާއެކު ކެމެރާއިން އޭނާއަށް ނެގުނު ފޮޓޯތައް ބަލަމުން އައިސް ޔޫލިން އިށީނދެލިއެވެ. އޭނާ ކެމެރާ އެއްފަރާތުގައި ބައިންދައިލަމުން، މިންހާ ކޮށާފައިވާ އަނބުގެ އެތިކޮޅެއް ނަގާ ރިހާކުރާ ޖައްސައިގެން ކާން ފެށިއެވެ.
"ވަރަށް މީރު ދޯ!" ޔޫލިން ބުނެލިއެވެ.
"ޕޮއް!" ދެމީހުން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން އައި މީހަކު ޔޫލިންގެ ކަންފަތް ބުޑުގައި ވަރަށް ބާރަށް ހަޅެއްލަވައިގަތުމުންނެވެ.
"ދެން ދޮންބޭ!" ކާން ގެންގުޅުނު އަނބުފޮތިވެސް ބިންމައްޗަށް ވެއްޓުނު ޔޫލިން ފަހަތަށް އެނބުރިލުމަށްފަހު، މޭގައި އަތް އަޅައިލަމުން ބުނެލިއެވެ. އޭރު ފާޑަކަށް ހެވިފައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ އޭނާގެ ދޮންބެ ރައިހާންއެވެ.
ރައިހާންއަކީ ވެސް ދިގު އިސްކޮޅަކާއި ފިރިހެންވަންތަ ސިފަތަކެއް ލިބިފައިވާ ޒުވާނެކެވެ. ޔޫލިންއެކޭ އެއްގޮތަށް ލިބިފައިވަނީ އޮޅަލި ކުލައިގެ ހަންގަނޑެކެވެ.
ރައިހާން މިންހާއަށް ބަލައިލީ މާނަފުން ނަޒަރަކުންނެވެ. އޭނާ ރައިހާންއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭނަ ސްކޫލުގައި އުޅުނުއިރު ރައިހާންވަނީ ދެ ފަހަރެއްގެ މަތިން އޭނާއާ ރައްޓެހިވާން ޔޫލިން ލައްވާ އަހުވާފައެވެ. އެހެންނަމަވެސް އެ ދެފަހަރުވެސް މިންހާ ދެކޮޅު ހެދީއެވެ. އޭނާ އޭރު ކުއްޖަކާ ރައްޓެހިވާން ބޭނުންނުވާކަމުގެ ބަހަނާ ދައްކާފައެވެ. އޭގެ ފަހުން އެތަކެއް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެފަދަ ވާހަކައެއް ރައިހާން ނުދައްކާތީ މިންހާ ހީކޮށްގެން ހުރީ ރައިހާންވެސް މިހާރު އޭރުގެ ހަނދާން ނައްތައިލީކަމުގައެވެ. އަދި އޭގެ ފަހުން ވެސް ރައިހާން އޭނާއާ އެކުވެރިއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާތީ އޭނާއަކީ ރައިހާންގެ ކުޑައިރުގެ "ކްރަޝް" އެއްކަމަށް މިންހާ ހުރީ ނިންމައިގެންނެވެ. އޭނާ ރައިހާންގެ އެދުމަށް ދެކޮޅު ހެދިނަމަވެސް އޭގެ ސަބަބުން ޔޫލިންއާ އޭނާގެ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުފޯރައެވެ. އެ ގުޅުން އޮތީ ހަމަ ކުރިންވެސް އޮތް ގޮތަށެވެ.
"ކިރިޔާ އޭ ހާޓް އެޓޭކެއް ނުޖެހުނީ. ލީން! އަހަންނަށް ކަމެއްވިނަމަ ހުރިހާ ޒިންމާއެއް ނަގަންޖެހޭނީ ލީންގެ ދޮންބެ އިނގޭ..." މިންހާ ބުނެލިއެވެ.
"މާ ވަރަކަށް ދެފަރާތަށް ހެލެމުން ދެމީހުން މިދިމާލަށް އަންނަތަން ފެނުނީމަ މި އައީ ކުރާކަމެއް ބަލަންވެގެން..." ރައިހާން އޭނާގެ އުނަގަނޑުގައި އަތް ވިއްދައިލިއެވެ.
"ހިނގާފަ؟" ޔޫލިން ސުވާލުކޮށްލިއެވެ.
"ނޫން. ސައިކަލުގަ... " ދުރުގައި ބަހައްޓާފައި ހުރި ސައިކަލަށް އިޝާރާތްކޮށްލަމުން ރައިހާން ބުނެލިއެވެ.
"އެނގިއްޖެއެއްނު ކުރާކަމެއް. ދެން އަވަހަށް ދޭ!" ޔޫލިން ތުންކޮޅު އޫކޮށްލިއެވެ.
"ތިކާއެއްޗެއް ވެސް ދިނީމަ ދޯ ދެވޭނީ. ތި އުޅެނީ ހަމަ އައިމަ ފޮނުވާލާށޭ... ނުދާނަން!" ރައިހާން ދޫ ނެރެލިއެވެ. އޭނާ ހުރީ މަޖާ މޫޑެއްގައެވެ. އެތަނުގައި އިރުކޮޅަކު މަޑުކޮށްގެން ހުރުމަށްފަހު، ރައިހާން ދިޔައީ އަނބުކޮޅެއްވެސް ކައިގެންނެވެ. އޭނާ ސައިކަލަށް އަރައިގެން ނައްޓައިލިތަން ބަލަން ތިބެފައި ޔޫލިންއާ މިންހާއާ ދެމީހުން އަނެއްކާވެސް އެމީހުންގެ މަސައްކަތުގައި މަސްއޫލުވިއެވެ. ކައިގެން ގެނައި ކޮތަޅާ އެއްޗެހި އެތަނުގައި ހުރި ޑަސްބިނަށް ލުމަށްފަހު، ދެމީހުން ފޮޓޯ ނެގިއެވެ. އެ ސަކަރާތުގައި އުޅެނިކޮށް ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އިރުއޮއްސެން ކައިރިވުމާއެކު ދެމީހުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
ޔޫލިން އޭނާގެ ގެއަށް ދިޔުމުން މިންހާވެސް ގެއަށް ވަދެ ނަމާދުކޮށްލަން އަވަސްވެގަތެވެ. އޭނަ ބޭރަށް ނިކުމެލީ އިޝާ ނަމާދުވެސް ކޮށްލައިގެންނެވެ. އޭރު ވެސް ބައްޕަ ގެއަކަށް ނާދެއެވެ. މަޣްރިބް ނަމާދަށް ދާ މީހާ ގިނައިން އަންނާނީ އިޝާވެސް ކޮށްގެންނެވެ.
އިޝާ ނަމާދުން ހަނީފް އައުމުން، މިންހާ ހަނީފްއަށް ކާން ހަދައިދިނެވެ. އެއަށްފަހު ކާން ގޮވިއެވެ.
"ދަރިފުޅުވެސް އާދޭ ބައްޕައާއެކު ކާން!" ހަނީފް ބުނެލިއެވެ.
"މި އަންނަނީ އިނގޭ. މި އެއްޗެހި ބަހައްޓާފަ." އަތުގައި އޮތް ތަށިތަކަށް އިޝާރާތް ކުރަމުން މިންހާ ބުނެލިއެވެ. އޭނާ އައިސް ކާން އިށީނެވެ. ދެމީހުން ކެއީ އެކީގައެވެ.
"ދަރިފުޅު ކިޔަވަން ބޭނުންވާކަން ބައްޕައަށް އެނގޭ... އެކަމަކު މާލެ ފޮނުވައިގެން ހުރިހާ ޚަރަދެއް..." އެ ހިސާބަށް ހަނީފަށް ބުނެވުނުތަނާ، މިންހާ، އެ ވާހަކަ ހުއްޓުވިއެވެ.
"ބައްޕާ... އަހަރެން މާލެ ދާކަށް ބޭނުމެއް ނޫނޭ... ރަށުގައިވެސް އަންނަ އަހަރު ކޯސްތަކެއް ހިންގަން ފަށާ ވާހަކަ އޮތެއްނު. އޭރަށް ރަށުގަ ބައްޕަ ކައިރީގައި ހުރެގެން އަހަންނަށް ކޯސް ހެދޭނެއެއްނު. އެހެންނޫނަސް ބައްޕަ ދޫކޮށްލާފައި އަހަރެން ކޮންމެހެން ދާކަށް ބޭނުމެއް ނޫނޭ..." މިންހާ ބުނެލިއެވެ.
އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކާކަށް ހަނީފްވެސް ނޫޅުނެވެ. ހަޤީގަތުގައި އޭނާ އެކަނި ކުރާ މަސައްކަތުން ދިރިއުޅުމުގެ ދެކޮޅު ޚަރަދުތައް ހަމަޖެއްސެނީ ކިރިޔާއެވެ. ކުއްޔަށް ދޭން ކޮޓަރި ހުއްޓަސް މީހަކު އަންނަނީވެސް ބަންދެއްގައެވެ. އެނޫނިއްޔާ އެތަނުންވެސް މާ ބޮޑު އެއްޗެއް ގިނަ މަސްމަހު ނުލިބެއެވެ.
ތަށިތައް ނަގާފައި މިންހާވެސް، ކޮޓަރިއަށް ވަދެލީ އަރާމުކޮށްލުމުގެ ބޭނުމުގައެވެ. އޭނާ އެނދުގައި އޮށޯވެލާ ފޯނުން އާހިލްއަށް ގުޅައިލިއެވެ. އާހިލް ފޯނެއް ނުނަގައެވެ. ދެފަހަރަކު ރިންގް ވުމާއެކު އާހިލް ފޯނު ބިޒީކޮށްލިއެވެ.
"އޮފީސް ގަޑިއެއްވެސް ނޫނެއްނު. ކީއްވެބާ އާހިލް ފޯނު ބިޒީކޮށްލީ؟ އަނެއްކާ ކަމެއްގަ ބިޒީކޮށްބާ؟" މިންހާގެ ސިކުނޑީގައި އެކި ސުވާލުތައް ބުރު ޖަހަން ފެށިއެވެ. އޭނާ މޭމަތީގައި ފޯނު ބާއްވާލައިގެން އެނބުރެމުންދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ފޯނު ރިންގްވިއެވެ. ބަލައިލިއިރު ގުޅަނީ އާހިލްކަމުން އޭނާ ނިކަން އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލައިފިއެވެ.
"އާހިލް... މިރޭ ކުޑަކޮށް ވަރުބަލި ރެއެއް ވީމަ ނިދާލަންވެގެން ނިދުމުގެ ކުރިން އާހިލްއާ ވާހަކަ ދައްކައިލަންވެގެން މިގުޅައިލީ..." މިންހާ ބުނެލިއެވެ.
"އެހެންތަ؟ ބޭބީ ބަލިވީތަ އަނެއްކާ؟" އާހިލްގެ އަޑުން ކަންބޮޑުވުމުގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.
"ނޫނޭ... ވެދާނެ މިއަދު މާގަދައަށް ސަކަރާތް ޖެހުނީކަމަށްވެސް." މިންހާ ބުނެލިއެވެ.
"އާހިލް..." އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު، މަޑު މޮޅި އަޑަކުން މިންހާ އާހިލްއަށް ގޮވައިލިއެވެ.
"ހޫމް ކީކޭ ލަވް؟" އާހިލް އަހައިލިއެވެ.
"އާހިލް ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ގޮސްފާނަންތަ؟" ކުއްލިއަކަށް މިންހާ ކޮށްލި ސުވާލަކުން އާހިލްވެސް ނެގި މަޑުވިކަން މިންހާއަށް އެނގުނެވެ.
"އަހަރެން ދުވަހަކުވެސް މިންނު ދޫކޮށެއް ނުލާނަން. އެއަށްވުރެ ބޮޑަށް އަހަރެން މިންނު ދެކެ ލޯބިވެޔޭ... އަހަންނަށް އިތުބާރު ނުކުރަންތަ؟ އިތުބާރު ނެތިއްޔާ ދެމެދުގަ އެއްވެސް އެއްޗެއް ނޯންނާނެއެއްނު. މި ހިސާބަށް އަހަރެމެންގެ މި ގުޅުން އައުމުގެ ސިއްރަކީ ވެސް މިންނު އަހަންނަށް ކުރާ އިތުބާރު. ނޫނީ ކިހިނެއް ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕެއް ވޯކް ކުރާނީ؟ ނުކުރާނެއެއްނު." އާހިލް މިންހާއަށް ވިސްނައިދިނެވެ.
"އަހަންނަށް އެނގެޔޭ އެކަމަކު އާހިލް ދުވަހަކުވެސް މެރީ ކުރާ ވާހަކައެއް ވެސް ނުދައްކާ... އެކަމަކު އަހަރެން ހުރިހާ ވާހަކައެއް އާހިލްއާ ދައްކަން. އަހަރެންގެ ހުވަފެންތަކުގެ ވާހަކައާ، އަހަރެން ދިރިއުޅެން ބޭނުންވާ ގޮތާ އަހަރެންގެ ޑްރީމް ހައުސް އާ..." މިންހާ ބުނަމުންދިޔައެވެ.
"ކާމް ޑައުން ބޭބީ... ކީއްވެ ތިހާ ހާސްވަނީ؟ އަހަންނަށް އެނގެޔޭ މިންނުއަށް ވެސް ޓައިމް ބޭނުންވާކަން. ޕްލަސް ޚުދު އަހަންނަށްވެސް ޓައިމް ބޭނުންވެޔޭ... މިންނު މިގޮތަށް ރިލޭޝަންއެއްގަ އުޅެން ނުރުހެނީތަ؟" އާހިލް ސުވާލުކޮށްލިއެވެ. ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ތެރެއިން މިންހާއަށް ދޭނެ ޖަވާބެއް ނޭނގުމާއެކު، އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ.
"މިންނޫ... ކިހިނެއްވީތަ ލަވް؟ އަހަރެން ނުދާނަމޭ މިންނު ދޫކޮށްފައެއް. މިހާރު މިހެން އުޅޭތާ ހަތަރު އަހަރު ވީ... ދެން ކީއްވެ އަހަންނަށް އިތުބާރު ނުކުރެވެނީ؟ މީހަކު އަނެއްކާ އެއްޗެއް ކީތަ؟ ހާދަ އެހެންކަހަލަ ގޮތަކަށޭ ވާހަކަ ތި ދައްކަނީ؟ އަހަރެން އަސްލުވެސް ވަރަށް ދެރަވެއްޖެ!" އާހިލްގެ އަޑުން އެކަނިވެސް އޭނާގެ މާޔޫސްކަން މިންހާއަށް އިޙްސާސްވިއެވެ.
"ނޫނޭ ލަވް. އެހެންނެއް ނޫނޭ... އެކަމަކު، ދުވަހަކުވެސް އަހަންނަށް އާހިލްއެއް ހަމަ ލޮލުން ނުފެނޭ ވިއްޔަ، އެހެންވެ ހަމަ ވިސްނެނީ" މިންހާ ބުނެލިއެވެ.
"އަދި ފެންނާނެޔޭ... އަހަރެން މިހާރު ތި ރަށަށް ދާންވީ ދޯ. ގޮސް އަވަހަށް މިންނުއާ މެރީ ކުރަންވީ، އޭރުން މިންނު ގަބޫލުކުރާނަން ދޯ އަހަރެން ލޯބިވާކަމަށް..." އާހިލް ބުނެލިއެވެ.
"އަންނާނަންތަ އަހަރެން ކައިރިއަށް؟" މިންހާ އަހައިލިއެވެ.
"ކީއްވެތަ ނުދާންވީ؟ އަހަރެން އެކަމަކު ވަގުތުކޮޅެއް ބޭނުން. އަހަންނަށް އެނގޭ މިންނު އަންޑަސްޓޭންޑް ވާނެކަން. އަހަރެން މިންނު ދެކެ އެންމެ ލޯބިވާ ސަބަބަކީ ވެސް އެއީ، އަހަރެން ކީކުރަން މިންނު ދޫކޮށްލާފަ އެހެން ކުއްޖަކު ހޯދަންވީ އަހަންނަށް ތިހާ ކެއަރިން، އަންޑަސްޓޭންޑިން ކުއްޖެއް ލިބިފަ ހުއްޓާ... ނޯ ނެވާރ. ނައު ސްމައިލް ކޮށްލަބަ!" އާހިލްގެ ވާހަކަތަކުން މިންހާއަށް ޔޫލިންގެ ވާހަކަތައް ސިކުނޑިން ނެރިލަން މަޖުބޫރުވިއެވެ. އާހިލް އޭނާއަށް ދެރަގޮތެއް ނުހަދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް ލިބުނެވެ. އެ ހިތަކީ ހަމައެކަނި އާހިލްގެ އެއްޗެކެވެ. އެހެން މީހަކު ދެކެ ދުވަހަކު ލޯބި ނުވެވޭ މިންވަރަށް މިންހާ އާހިލް ދެކެ ލޯބިވެއެވެ. އޭނާއާ އާހިލް އިރާދުކުރެއްވިއްޔާ ދުވަހަކު ވަކި ނުވާނެއެވެ. އާހިލްގެ ފަރާތުން ދުވަހަކުވެސް އޭނާއަށް ނޭދެވޭ އަމަލެއް ފެނިފައިނުވެއެވެ. މުޅީންވެސް ފެނިފައިވަނީ ރަނގަޅު ސިފަތަކެވެ. ވީއިރު އޭނާ އާހިލްއަށް އިތުބާރު ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ.
"އަހަރެން އަސްލުވެސް އާހިލް ދެކެ ވަރަށް ލޯބިވޭ. ޑޯންޓް ލީވް މީ އިނގޭ ދުވަހަކުވެސް..." މިންހާ އެދުނެވެ. އޭނާ ހިނިތުންވެލިއެވެ.
"ޔެސް ނުދާނަމޭ، ނައު ސްމައިލް ޕްލީޒް. ފޯ މީ." އާހިލް އެހެން ބުނެލުމާއެކު މިންހާ ލުއިކޮށް ހީލިއެވެ.
"އެވަރުކަމެކޭ އެއީ..." އާހިލް ބުނެލިއެވެ.
"ދެން ނިދާލާ ބޭބީ... ބޮލުގަ ރިއްސާ ގިނައިރު ވީމަ އިތުރަށް ސަކަރާތްވެދާނެ. އަހަރެންވެސް ދެންމެ ކުޑަ ކަމަކު އުޅެފައި ހަމަ މިންނު ވީމަ މި ގުޅައިލީ" އާހިލް އެހެން ބުނުމުން އެކަނިވެސް މިންހާއަށް އާހިލް އޭނާ ދެކެވާ ލޯބި އަންދާޒާކޮށްލެވުނެވެ. އެއާއެކު އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
"އައި ލަވް ޔޫ..."
"ލަވް ޔޫ ޓޫ..." އާހިލް ވެސް ބުނެލިއެވެ.
(ނުނިމޭ)