ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑް ރަށުން ބޭރުގައި ސީއެސްކޭއޭ މޮސްކޯ އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވުމަކީ ގޯސް ނަތީޖާއެއް ނޫންކަމަށް މެޑްރިޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މޮސްކޯ އާއި ދެކޮޅަށް މެޑްރިޑް ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މީގެ އިތުރުން ވެސް މެޑްރިޑަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިކަން ފާހަގަކޮށްލެވެ އެވެ. އެމެޗުގެ އިތުރު ވަގުތުގައި މޮސްކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕޮންޓަސް ވާންބްލޫމް އެވެ.

"އަހަރެމެންނަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު. އަދި ކުޅުންތެރިންގެ ފަރާތުން އަހަރެން ހިތްހަމަޖެހޭ ފަދަ ކުޅުމެއް ފެނުނު. މީގެ އިތުރުން އެނަތީޖާ އަކީ ވެސް ގޯސް ނަތީޖާ އެއް ނޫން. އަހަރެން މިހިރީ އުފަލަކުން ނޫން. އަދި މުޅިން ދެރަވެފައެއް ވެސް ނޫން. ދެވަނަ ލެގު ކުޅެން ޖެހޭނީ އަހަރެމެންގެ އަމިއްލަ ދަނޑުގައި. އެއީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު ފައިދާ އެއް." މޮރީނިއޯ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަންނަ މަހު 14 ވަނަ ދުވަހު މެޑްރިޑްގެ އަމިއްލަ ދަނޑުގައި މޮސްކޯ އާއި ދެކޮޅަށް ނުކުންނާނެ އެވެ.