31 Aug 2021, 23:35
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުމް އިއްވި މައްސަލައިގެ ތަހުގީގު އަދިވެސް ފުރިހަމަ ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދު ވިދާޅުވެއްޖެއެވެ.
މުއައްވިޒް މި މޭރުމުން ވާހަކަ ދައްކަވައިފައިވާ އޯޑިއޯއެއް "ސަން"އަށް ވަނީ ލިބިފައެވެ.
އެ އޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ ޔާމީނުގެ މައްސަލައިގެ ތަހުގީގު ނިމިފައި ނުވާ ކަމަށާއި ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާކަމުގައި ކަނޑައެޅޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ހެކިބަސް ނެގުމުގައި ވެސް މައްސަލަތަކެއް ހުރިކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. އަދި ހެކިބަސް ދިނުމުގައި އޭނާއަށް ވެސް ފިއްތުންތައް ކުރިމަތި ކުރުވި ކަމަށް މުއައްވިޒް ފާހަގަ ކުރެއްވިއެވެ.
"ޕްރެޝަރުކުރި ކޮންމެވެސް ވަރަކަށް، އެއީ ވާ ގޮތަކީ ގައުމުގައި ހުރީމަ ޕްރެޝަރު ހުންނާނެތާ،" މުއައްވިޒް ވިދާޅުވެފައިވެއެވެ.
މުވައްވިޒު އިތުރަށް ވިދާޅުވީ މީހެއްގެ އެކައުންޓު ނަންބަރު އެނގޭނަމަ އެމީހަކަށް ނޭނގި އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އަދި ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރި ޗެކު ހިފައިގެން ދިޔަ މީހާއާއި އެ ޗެކުގައި ސޮއިކުރި މީހާ ވެސް ހުރީ ޔޫކޭގައި ކަމަށް މުއައްވިޒު ވިދާޅުވިއެވެ.
"ރައީސް ޔާމީން އެކައުންޓަށް ވަދެފައި އެހުރީ ސީދާ ދައުލަތުގެ ލާރިތޯ ދައުލަތަށް ލިބެން ޖެހޭ ލާރިތޯ، އެލާރި ވަދެފައި ހުރީ ގާނޫނާ އެއްގޮތަށްތޯ ނޫންތޯ ޔަގީންވާނީ ތަހުގީގުގައި އެކަން ކުރި މީހުންނާ ސުވާލު ކޮށްގެންނޭ. އެކަން ކުރިމީހުން ތިބީ ޔޫކޭގައޭ،" އޭނާ ވިދާޅުވެފައިވެއެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ.