31 Aug 2021, 22:18
ސަބްލީޒް އެގްރީމެންޓެއްގެ ދަަށުން ދޫކޮށްފައިވާ ރިހިވެލި ރިސޯޓަށް ބަޔަކު އަރައި އެ ރިސޯޓް ހިންގަމުން އައި ފްރާންސްގެ ކުންފުނީގެ މުވައްޒަފުން އެ ރަށުން ބާލަން މަސައްކަތްކޮށްފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓަށް އެރީ 25 ވަރަކަށް މީހުންގެ ގުރޫޕަކުންނެވެ. އަދި އެމީހުން އެ ރަށަށް އަރައި އެންމެ ފުރަތަމަ ސެކިއުރިޓީގެ ފޯނު އަތުލި ކަމަށާއި އޭނާގެ ކަންފަތްމަތީގައި ޖެހި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ "ސޭވް ދި ޑްރީމް" ކިޔާ ފްރާންސްގެ ކުންފުންޏަކުންނެވެ. އެ ކުންފުނިން މަހުންމަހަށް ކުލި ދައްކަމުން ނުދާތީ އެ ރަށުގެ ވެރިފަރާތްކަމުގައިވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވަނީ އެ ރަށް ފްރާންސްގެ ކުންފުނި އަތުން އަތުލުމަށް ނިންމާފައެވެ.
މީގެ ކުރިން ވެސް މިގޮތަށް ސަބްލީޒްއަށް މި ރިސޯޓް ދޫކުރި ދެ ފަރާތެއްގެ އަތުން މާހަލް ޕްރައިވެޓް ލިިމިޓެޑުން ވަނީ މި ރަށް އަތުލައިފައެވެ.

ރިހިވެލި ރިސޯޓުގައި ބަޔަކު ހަމަނުޖެހުން ހިންގުމުން ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ
މީގެ ކުރިން އެ ރަށް ހިންގަމުން އައި ކާސްޓަވޭ މޯލްޑިވްސްއާ އެކު މާހަލް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުން ޖެނުއަރީ 2، 2018 ގައި ބާތިލް ކުރުމަށް ފަހު އެ އަހަރުގެ ފެބްރުއަރީ 15 ގައި ސޭވް ދަ ޑްރީމާއި ހަވާލު ކުރި އެވެ. އޭރު އެއްބަސްވެފައި ވަނީ 2042 ވަނަ އަހަރާ ހަމަޔަށް ސޭވް ދަ ޑްރީމަށް އެރަށް ސަބްލީސް ކުރާށެވެ.
"ސޭވް ދި ޑްރީމް"ގެ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު "ސަން"އަށް ވިދާޅުވީ ދެ ކުންފުނީގެ ދެމެދުގައި މައްސަލަތަކެއް ޖެހި މިހާރު ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ދާ ކަމަށެވެ. އަދި ސޭވް ދި ޑްރީމް ކުންފުނިން މަަސައްކަތް ކުރަނީ މައްސަލަ ޝަރުއީ އެންމެ ފަހު މަރުހަލާއިން ނިމެންދެން ރިސޯޓުގައި ތިބެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިސޯޓްގެ މައްސަލަތަކުގެ ތެރެއިން ހުށަހަޅާފައިވާ ދައުވާއެއްގައި، ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލްވެފައި ވާތީ ސޭވް ދަ ޑްރީމް އަށް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓްގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ރިހިވެލި ރިސޯޓުގައި ބަޔަކު ހަމަނުޖެހުން ހިންގުމުން ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ
އެ ހުކުމް ކުރިތާ 10 މިނެޓު ތެރޭގައި ބަޔަކު މީިހުން ވަނީ އެ ރަށަށް އަރައި ހަމަ ނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ.
މާހަލްއަށް ރިސޯޓްގެ ކޮންޓްރޯލް ހޯދަން އެތަަނަށް އެރި ބައެއް މީހުން، ފްރާންސްގެ އަންހެނަަކަށް ހުރަސް އަޅާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
މީގެ އިތުރުން އެކަމާ ވަރަށް ކަންބޮޑުވާކަމަށް ބުނެ ރިސޯޓުގެ މެނޭޖްމަންޓުގެ ބޭފުޅަކު ވެސް ވަނީ ޓްވީޓާގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ބުނެފައިވަނީ 15 ނުވަތަ 20 މީހުންގެ ގުރޫޕަކުން ރިސޯޓަށް އަރައި ސެކިއުރިޓީގެ ފޯނު އަތުލައި އަމިއްލަ ގާނޫނުތަކެއް ތަންފީޒު ކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ރަށުގައި ތިބި މީހުންގެ ރައްކާތެރިކަން ޔަގީން ނުވާ ކަމަށާއި ވަރަށް ކަންބޮޑުވާކަމަށް ބުނެ އޭނާ ވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިހިވެލި ރިސޯޓަށް ބަޔަކު އަރައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު މިއަދު ހަވީރު 4:00 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ހަމަނުޖެހުމެއް ހިނގދިޔަނުދިނުމަށް ފުލުހުން އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.