މަގުމަތީގައި ކުނި ބެހެއްޓުން މާލޭ ސިޓީ ކައުންސިލުން މަނާ ކުރުމާ ގުޅިގެން އެއްވެސް ގޭބިސީއަކުން މަގުމައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އިން އިލްތިމާސް ކޮށްފިއެވެ.

ވެމްކޯއިން ބުނީ މާލެ ސަރަހައްދުގެ އާއްމު ހާލަތު ރަނގަޅުވަމުން ދިއުމާ ގުޅިގެން އެކަމަށް ރިއާޔަތްކޮށް އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގެ ގޭބިސީ ތަކަށް ފޯރުކޮށްދެމުންދާ ކުނި ނެގުމުގެ ހިދުމަތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން ސެޕްޓެމްބަރު 15 އިން ފެށިގެން މި ސަރަހައްދުގައި ދިރިއުޅޭ ވެމްކޯގެ ކަސްޓަމަރުން ކުނި ނެރެންޖެހޭ ގަޑި ރޭގަނޑު 6:00 އިން 7:00 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

ވެމްކޯއިން ބުނީ އެ ކުންފުނިން ހިދުމަތް ފޯރުކޮށްދޭނީ އިމާރާތުގެ އެތެރެއިން ގޭގެ އެންމެ ތިރީ ފަންގިފިލާއިން ކަމަށެވެ. މި ގަޑި ތަކުގައި އިމާރާތުގެ އެތެރެއިން ފަސޭހައިން ކުނި ނެގޭނެ ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ކުންފުނިން ބުނީ ވެމްކޯގެ މުވައްޒަފުން ކުނިނެގުމަށް ހަރަކާތްތެރިވަމުންދާނީ ރޭގަނޑު 8:00 އާއި 11:00އާ ދެމެދުއެވެ.

ވެމްކޯއިން ބުނީ އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނުނަގާނެކަމަށެވެ. މީގެ އިތުރުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެކުންފުނީގައި ރަޖިސްޓްރީ ކުރެވިފައިވާ ގޭބިސީތަކަށް އެކަނިކަމަށެވެ.

މިހާލަތުގައިވެސް ރައްކާތެރި ގޮތުގައި ކުނި ބަންދު ކުރުމަށާއި އަންގާފައިވާ ވަގުތުތަކުގައި ވެމްކޯގެ މުވައްޒަފުންނަށް ކުނި ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް ދަންނަވާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ. މީގެ އިތުރުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.