އިންސްޓަގްރާމްގައި އުފަންތާރީހު ހިއްސާ ނުކުރާނަމަ ކުރިއަށް އޮތްތަނުގައި އެކައުންޓު ބްލޮކް ކޮށްލާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

މިދިޔަ ހޯމަ ދުވަހު އިިންސްޓަގްރާމުގެ ބްލޮގެއްގައި ބުނެފައިވާ ގޮތުން، ޒުވާނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޔަތުގައި އިންސްޓަގްރާމުގައި އުފަންދުވަހުގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެއެވެ. އަދި މިހާރު އިންސްޓަގްރާމް ބޭނުންކުރަމުން އަންނަ މީހުން އެމައުލޫމާތު ހިއްސާ ކުރުމަށް އިންސްޓަގްރާމުން އަންނަނީ ބާރު އަޅަމުންނެވެ.

އިންސްޓަގްރާމުގެ ޔޫތު ޕްރޮޑަކްޓްގެ ނައިބު ރައީސް ޕަވްނީ ދިވަންޖީ ވިދާޅުވީ އުފަންދުވަހުގެ މައުލޫމާތު ހާމަކަރުމުން ސޭފްޓީ ފީޗާސް އިތުރަށް ވަރުގަދަވާނެ ކަމަށެވެ. މީގެ އިތުރުން، އިންސްޓަގްރާމް އެކައުންޓް ފޭސްބުކާ ލިންކް ކޮށްފައިވާނަމަ، ފޭސްބުކްގައި އެމީހަކު ބަޔާންކޮށްފައިވާ އުފަންދުވަހުގެ ތާރީހް އިންސްޓަގްރާމުގައި ވެސް ހިއްސާ ކުރާނެއެވެ.

މީގެ އިތުރުން، 18 އަހަރުން ދަށުގެ ކުދިން ބޮޑެތި މީހުންނަށް ފޮލޯ ބެކް ނުކުރާނަމަ، ބޮޑެތި މީހުންނަށް އެކުދިންނަށް މެސެޖެއް ނުކުރެވޭނެއެވެ. އަދި ދާދި ފަހުން އިންސްޓަގްރާމުން 16 އަހަރުން ދަށުގެ ކުދިންނަށް އިތުރަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ޕްރައިވެޓް ސެޓިންއެއް ވެސް ވަނީ ދީފައެވެ.

ހަމައެހެންމެ، 18 އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމް ބޭނުންކުރުމަށް ހިތްވަރުދޭން މަސައްކަތް ކުރާ އިޝްތިހާރުތައް ދެއްކުން ވަނީ މަނާ ކޮށްފައެވެ. އިންސްޓަގްރާމަށް އުފަންދުވަހުގެ މައުލޫމާތު ނުދޭ ކަމުގައިވަނީނަމަ، އެޕަށް ވަންނަ ކޮންމެ ފަހަރަކު އެމައުލޫމާތު ދިނުމަށް ނޮޓިފިކޭޝަނެއް ލިބޭނެއެވެ.

މީޑިއާ ރިޕޯތްތައް ބުނާ ގޮތުގައި އުފަން ތާރީހު ހިއްސާ ނުކުރާނަމަ އިންސްޓަގްރާމުން އެ އެކައުންޓެއް ބްލޮކް ކޮށްލާނެެއެވެ.

އިންސްޓަަގްރާމަށް އުފަން ތާރީޚް އޮޅުވާލެވިދާނެތަ؟

އިންސްޓަގްރާމަށް ހިއްސާ ކޮށްފައިވާ އުފަން ތާރީޚްގައި އެހެން މީހުން އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ ހުރޭތޯ އިންސްޓަގްރާމުން ދެނެގަންނާނެއެވެ. އެހެންކަމުން، އިންސްޓަގްރާމަކަށް އުފަން ދުވަހުގެ ތާރީޚް އޮޅުވައެއް ނުލެވޭނެއެވެ.