ނަޕޯލީގެ ހުނަރުވެރި ފޯވާޑް އެޒެކުއީލް ލަވޭޒީ އަށް އާޖެންޓީނާގެ ކުރީގެ ތަރި ޑިއެގޯ މެރަޑޯނާއޭ ނުކިއުމަށް ލަވޭޒީ ގޮވާލައިފި އެވެ.

ލަވޭޒީ މިކަމަށް އެދުނީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޗެލްސީ އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމާއި އެކު ނަޕޯލީ އަށް ކާމިޔާބު ކޮށްދިން ދެލަނޑުގެ ސަބަބުން ގިނަ ބަޔަކު އޭނާ އާއި މެރަޑޯނާގެ ކުޅުމާއި އެއްގޮތް ވައްތަރު ތަކެއް ހުންނަ ކަމަށް ބުނަމުން ދާތީ އެވެ.

ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުގެ 28 ވަނަ މިނެޓުގައި ހުއާން މަޓާ ޗެލްސީ އަށް ލީޑު ނަގައިދީފައި ވަނިކޮށް ނަޕޯލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ލަވޭޒީ އެވެ. އަދި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީ އަށް އެޑިންސަން ކަވާނީ ލީޑު ހޯދައިދިން އިރު، ދެވަނަ ހާފުގައި ލަވޭޒީ ވަނީ އެލީޑު އިތުރަށް ފުޅާކޮށްފަ އެވެ.

"އަހަރެންނަށް މެރަޑޯނާއޭ ނުކިޔާ. އަހަރެން އެމެޗުގައި ބެލީ ޓީމަށް ކާމިޔާބީއެއް ހޯދައިދެވޭތޯ. އަހަރެންނަށް އެނގޭ އަހަރެމެން ރަނގަޅު ކުޅުމެއް ދައްކައިފިއްޔާ ކާމިޔާބީ ލިބޭނެކަން. އަހަރެމެންނަށް މުހިންމު ކަމަކަށްވީ ރީތި ކުޅުމެއް ކުޅެ މޮޅުވާން." ލަވޭޒީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަންނަ މަހު 14 ވަނަ ދުވަހު ޗެލްސީގެ އަމިއްލަ ދަނޑުގައި ނަޕޯލީ އާއި ދެކޮޅަށް ނުކުންނާނެ އެވެ.