31 Aug 2021, 20:07
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ހުކުމް އިއްވުމަށް ނުފޫޒު ފޯރުވިކަމަށް ދޭހަވާ ގޮތަށް ގާޒީންތަކެއް ދައްކާފައިވާ ވާހަކަތަކެއްގެ ލީކުވެފައިވާ އޯޑިއޯތަކާ ގުޅިގެން ތިން ގާޒީންގެ އަޑުގެ ސާމްޕަލް ފުލުހުން ނަގައިފިއެވެ.
އެ ތިން ގާޒީންގެ އަޑުގެ ސާމްޕަލް ނަގާފައިވާކަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ މިއަދު ބުނެފައެވެ.
މި އޯޑިއޯތަކުގެ މައްސަލައިގައި އޯޑިއޯ ލީކުވި ތިން ގާޒީން ވެސް ވަނީ އެ އޯޑިއޯތަކުގައި ވަނީ އެ ބޭފުޅުންގެ އަމިއްލަ އަޑުކަމަށް އިންކާރުކުރައްވާފައެވެ.
ރައީސް ޔާމީނަށް ހުކުމްކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ގާޒީއެއްގެ އޯޑިއޯ ވަނީ ލީކުވެފައެވެ.
ހުކުމްކުރެއްވި ބެންޗުގައި ހިމެނިވަޑައިގެންފައިވާ ފަސް ގާޒީންގެ ތެރެއިން ލީކުވެފައިވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯއަކާއި، ގާޒީ އަލީ އާދަމްގެ އޯޑިއޯއަކާއި އަދި ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެކެވެ.
އޯޑިއޯތައް ދައުރުވުމާ ގުޅިގެން ޖޭއެސްސީން ވެސް ވަނީ މި މައްސަލަ ބަލާނެކަމަށް ބުނެފައެވެ.
އެގޮތުން ގާޒީންގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނަމަ އެ މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.