ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލިބިގެންދާ ލުއިތަކުގެ ވާހަކައަކީ މި މަހުގެ ތެރޭ އެންމެ ބޮޑަށް ދެކެވުނު ވާހަކައެވެ.

އެއާއެކު ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ވާހަކައަކީވެސް ދެކެވުނު ވާހަކައެވެ.

އެގޮތުން ސަރުކާރުން ވަނީ އަޅާނެ ފިޔަވަޅުތައް އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދުރާލައި ހިއްސާކޮށްފައެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުން މަނާކުރުން.

  • ސްކޫލްތަކަށް ވަނުން މަނާކުރުން.
  • ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުން މަނާކުރުން.
  • އޮފީސްތަކަށް ގޮސް މަސައްކަތްކުރުން މަނާކުރުން.
  • ސެލޫންތަކަށް ވަދެ ހިދުމަތް ހޯދުން މަނާކުރުން.
  • ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު ނިންމުމަށްފަހު ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހުން.

ސަރުކާރުގެ އޮފިޝަލަކު "ސަން" އަށް ވަނީ މި ފިޔަވަޅުތައް މާދަމާއިން ފެށިގެން އަޅަން އުސޫލުތައް އެކުލަވާނެކަމަށް ވިދާޅުވެފައެވެ.

"މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުން [މާދަމާ] ފެށިގެން. ވެކްސިން ނުޖަހާ މީހުންނަށް އެ ދުވަހުން ފެށިގެން މާލޭގެ އިތުރުން ރަށްރަށުގަ ހިންގާ ކެފޭ ރެސްޓޯރެންޓް ތަކަށް ވަދެގެން ހިދުމަތް ހޯދުންވެސް މަނާ ވާނެ. އަދި ޑޮމެސްޓިކް ފްލައިޓް ދަތުރުތަކާއި ޖިމްތަކާ ސެލޫން ފަދަ ތަންތަނުން ހިދުމަތް ދިނުން މަނާ ވާނެ. ހަމައެހެންމެ އޮފީސްތަކަށް ގޮސް ވަޒީފާ އަދާކުރުން ވެސް މަނާވާނެ،" އޮފިޝަލް ވިދާޅުވިއެވެ.

ހަމައެއާއެކު މި ފިޔަވަޅުތައް އަޅަން ނިންމުމުގެ ބޭނުމަކީ ވިހާވެސް ގިނަ ބަޔަކަށް ވެކްސިން ފުރިހަމަ ކުރުމަށް ބާރުއެޅުންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އާންމު ހާލަތަކަށް ރުޖޫއަވުމަށް ވެކްސިން ފުރިހަމަ ކުރުމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ވެކްސިންގެ ފުރިހަމަކޮށް ހާލަތު ރަނގަޅުވަމުން ދިޔަ ނަމަވެސް މާސްކު އެޅުން ފަދަ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ އެދިވަޑައިގެންފައެވެ.