މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެގޮތުން އެ މަގާމަަށް އައްޔަން ކުރައްވާފައިވަނީ މއ. ޕެރިސް ގެ، މަރިޔަމް ޝަމްއާ އިސްމާއިލެވެ. އަދި އިއްޔެ ރައީސް އޮފީހުގައި އޭނާއާ ފަތްކޮޅު ހަވާލުކުރައްވާފައިވެއެވެ.

ޝަމްއާއަކީ ބެޗްލާސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ބެޗެލާސް ހާސިލްކުރެއްވީ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިންނެވެ.

ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަމްއާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓެއްގެ މަގާމުގައެވެ.

އޭގެ ކުރިން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަގާމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އޭނާ ފުރުއްވާފައިވެއެވެ.

ކޮންސިއުމާ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙުގީގުކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅާ ގާނޫނެކެވެ.

މީގެ އިތުރުން އެ ހައްގުތައް ހިމާޔަތްކުރުމާއި، ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ހިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުތުތަކާއި މިންގަނޑުތައް ކަނޑައަޅާ ގާނޫނެކެވެ. އަދި އެ ޝަރުތުތަކާ ނުވަތަ މިންގަނޑުތަކާ ހިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެކެވެ.