31 Aug 2021, 16:54
ކޮވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނަށް ގްރީން ކާޑު ދޫކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ މިއަދުން ފެށިގެން ކާޑު ދޫކުރުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.
އަދި މި ކާޑު ދޫކުރާނީ މިނިސްޓްރީއާއި ސްކޫލްތައް ގުޅިގެންކަމަށް މިނިސްޓްރީން ބުންޏެވެ. ބެލެނިވެރިންނަށް ކާޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތައް މެދުވެރިކޮށް ސްކޫލްތަކުން ހަމަޖައްސާ އިންތިޒާމެއްގެ ދަށުންނެވެ.
މިނިސްޓްރީން އިތުރަށް ބުނީ މިއަދު ކާޑު ދޫކުރުމުގެ މަސައްކަތް ފެށިކަމުގައިވީ ނަމަވެސް ދަރިވަރުންގެ އާބާދީ ބޮޑު ސްކޫލްތަކުގައި ކާޑު ދޫކުރުމަށް އަދި ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެކަން ހައްލުވާނެކަމަަށް މިނިސްްޓްރީން ބުންޏެވެ.
އަދި މާލޭގެ ގިނަ ސްކޫލްތަކަކުން ކާޑު ދޫކުރުމަށް ފަށާފައިވާއިރު ވަރަށް އަވަހަށް އަތޮޅުތެރޭގެ ސްކޫލްތަކުން ވެސް ބެލެނިވެރިންނަށް ގްރީން ކާޑު ލިބޭނެ މަގު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
ގްރީން ކާޑަކީ ބެލެނިވެރިން ވެކްސިން ފުރިހަމަކޮށްފައިވާކަން ޔަގީން ކުރުމަށް ސްކޫލްތަކުން ބެލެނިވެރިންނަށް ދޭ ކާޑެކެވެ.
އެއާއެކު މާދަމާއިން ފެށިގެން ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ބެލެނިވެރިން ސްކޫލްތަކަށް ވަނުން މަނާވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މި މަހުގެ އެއްވަނަ ދުވަހު ބުނެފައެވެ.