ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލުމަށް ފަހު، ދެވަނަ ބުރަށް ދަތުރު ކުރި އެފްސީ ބާސެލް، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބެޔާން މިއުނިކް އަތުން ވެސް މޮޅުވެއްޖެ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ޗެމްޕިއަން އިންޓަމިލާން ވަނީ މާސޭލްގެ އަތްދަށުވެފަ އެވެ.

ބެޔާން އާއި ދެކޮޅަށް ބާސެލް ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވެ އެވެ. ބެޔާން އިން ބާސެލްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގިނަ ހަމަލާތަކެއް ގޯލާއި އަމާޒުވެފައެއް ނުވެ އެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ބާސެލް އަށް ކާމިޔާބު ކޮށްދިނީ ވެލެންޓިން ސްޓޮކާ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ބާސެލް ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުން މާސެލް އާއި ދެކޮލަށް އިންޓަ ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. މިމެޗުގައި އިންޓަގެ މައްޗަށް މާސެލް މޮޅުވީ މޮޅު ކުޅުމެއް ވެސް ދައްކައިގެންކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ގިނަ ވަގުތު ބޯޅަ ގެންގުޅެ، ގިނަ ހަމަލާތައް އުފެއްދީ ވެސް މާސެލް އިން ނެވެ. މާސެލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އިތުރު ވަގުތު ކޮޅުގައި ކާމިޔާބު ކޮށްދިނީ އަންދުރޭ އަޔޫ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން މާސެލް ކުރީގައި އޮވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ކުޅޭ މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 6 ވަނަ ދުވަހު އެވެ. މާޗް 6 ގައި ދެމެޗެއް ކުރިއަށް ދާއިރު، އެއްމެޗުގައި އާސެނަލް އާއި ދެކޮޅަށް އޭސީ މިލާން ނުކުންނަ އިރު، އަނެއް މެޗުގައި ވާދަކުރާނީ ބެންފީކާ އާއި ޒެނިތް ސެންޓް ޕީޓާސްބާގް އެވެ.