31 Aug 2021, 20:51
މަސްތުވާތަކެތީގެ ނުރައްކަލަކީ މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާއިރު، އެފަދަ ބޮޑު މައްސަލައެއް ހައްލު ކުރުމަށް، ކުރެވޭ މަސައްކަތުގައި އަމިއްލަ ޖަމުއިއްޔާތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ހިންގުން ޖެންޑާ މިނިސްޓްރީގެ ދަށުން ނެގުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވާފައިއެވެ.
ހެލްތް މިނިސްޓްރީގެ ފަރާތުން އެންޑީއޭއާ ހަވާލުވެ ހުންނެވި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދާ "ސަން"އަށް ވިދާޅުވީ އެންޑީއޭގެ ހިންގުން ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުވުމަށްފަހު މިނިސްޓަރުގެ ވިސްނުންފުޅު މިހާރު ހުރީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގައި އަމިއްލަ ޖަމުއިއްޔާތަކުގެ އެހީތެރިކަން ހޯދައިގެން ކުރިއަށްދާ ގޮތަށް ކަމަށެވެ.
"ކޮމިއުނިޓީ ރިހެބިލިޓޭޝަނަކަށް އަޅުގަނޑުމެން ދާއިރު އެ ކޮމިއުނިޓީއެއްގައި ހުރި މުއައްސަސާތައް، މިސާލަކަށް ޑަބްލިއުޑީސީ އާއި ސިއްހީ މަރުކަޒާއު ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ޖަމުއިއްޔާތަކާ އެންމެން ގުޅިގެން މިކަން ކުރެވޭނީ. މިއީ އެންޑީއޭއަށް އެކަނި ކުރެވޭނެ ކަމެއް. މިއީ ހަމަ ގައުމީ ފެންވަރެއްގައި ހައްލު ކުރަން ޖެހޭ ކަމެއް. ކޮމިއުނިޓީ ލެވެލްގަ ހުރި ހުރިހާ އެންމެން ގުޅިގެން މިކަން ކުރެވޭނީ،" އައިޝަތު ވިދާޅުވިއެވެ.
އައިޝަތު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ދަށަށް އެންޑީއޭ ބަދަލު ވުމާއެކު އެތަނުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން ވަށާ ޖެހޭ ނިޒާމަކަށް ބަދަލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮސްޓްރޭލިއާގެ ތަޖުރިބާކާރެއްގެ އެހީތެރިކަމާއެކު ކައުންސެލަރުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް އެބަ ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ޑާޓާތައް ކަލެކްޓް ކުރުމުގެ މަސައްކަތް ކުރަމުން. 2011ގެ ފަހަކުން އެއްވެސް ސްޓަޑީއެއް ފެންނާކަށް ނެތް. ނަމަވެސް ބޭނުންކުރާ ބާވަތްތަކަށް އަބަދު ބަދަލުތައް މި އަންނީ. ވަރަށް ފާސްޓް ޗޭންޖަސްތައް އާދޭ. އެހެންވީމަ އެކަމަށް ބެލިގެން ފަރުވާއަށްވެސް ބަދަލުތައް ގެނެވެން ޖެހޭނެ. އެލެވަލްގައި މަސައްކަތް ނުކޮށް މިކަން ހައްލެއް ނުކުރެވޭނެ،" އައިޝަތު ވިދާޅުވިއެވެ.
އައިޝަތު ވިދާޅުވީ ގާނޫނުވެސް އެކުލަވާލެވިފައި އޮތީ މަސްތުވާތަކެތީގެ މައްސަލަ ތަކަކީ ފަރުވާ ދޭން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން އެފަދަ މީހުންނަށް ދޭނެ ފަރުވާގެ ބާވަތްތައް ދެނެގަތުމަށްޓަކައި އިތުރު ސްޓަޑީތަކެއްވެސް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އާފްޓާ ކެއާ އެއީ މީގެ ވަރަށް ބޮޑު ބައެއް. ކޮމިއުނިޓީ ރިހެބިލިޓޭޝަނަކަށް ފޯކަސް ކުރެވިގެން އެގޮތަށް ކުރިއަށް މި ދަނީ. މިހާރު ވާގޮތަކީ އެސެސްމެންޓެއް ހަދަން ޖެހުނަސް އެހެން ކަމެއް ކުރަން ޖެހުނަސް މާލެ ގެނައުމުގެ ބަދަލުގައި އެ ތިބޭ ހިސާބަކުން އެކަން ކުރެވޭނެ ގޮތަކަށް އެބަ ބައްޓަން ކުރެވޭ. އެހެންވީމަ އެ ހުރިހާ ކަމެއް އެސްޓެބްލިޝް ވާއިރުގަ މިކަމަށް މަސައްކަތެއް ކުރެވި މިކަން ހައްލު ކުރުމަށް މަގުތަކެއް ފެނިގެންދާނެ ކަމަށް މި ބަލަނީ،" އައިޝަތު ވިދާޅުވިއެވެ.
އަމިއްލަ ޖަމުއިއްޔާތަކާއެކު މަސައްކަތް ކުރަން ބޭނުން ކަމަށް ހެލްތް މިނިސްޓްރީން ބުނިއިރު މި ކޮވިޑް ތެރޭގައި އެންޑީއޭއިން ޖަމުއިއްޔާތަކާ ގުޅިގެން ހިންގި ޑިޓޮކްސިފިކޭޝަން ކޭމްޕްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރި މީހުންނަށް ދޭން ޖެހޭ ފައިސާ ނުދީ ހިފަހައްޓައިގެން އުޅޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.