ފްރާންސް އާ ދެކޮޅަށް އަންނަ ހަފްތާގައި ނުކުންނަ ޖަރުމަން ގައުމީ ޓީމުގެ ސްކޮޑުގައި ސްޓުޓްގާޓްގެ ފޯވާޑް ކަކައޫ ހިމެނޭނެ ކަމުގެ ޔަގީންކަން ނެތް ނަމަވެސް، މިއަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑަށް ނަގާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކަކައޫ ބުނެފި އެވެ.

"އަހަރެން އަދި ކޯޗަކާއި ވާހަކައެއް ނުދައްކަން. ކޯޗު ގޮތެއް ނިންމަންދެން އަހަރެން މަޑުކުރާނަން. ޖަރުމަން ގައުމީ ޓީމުގެ ސްކޮޑަށް ނަގާނީ ފެންވަރު ރަނގަޅު މޮޅު ކުޅުންތެރިން. ގައުމީ ސްކޮޑަށް އެރުމަށް އަހަރެންނަށް ދެއްކެން އޮތް އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ މަސައްކަތް ކުރާނަން." ކަކައޫ ބުންޏެވެ.

ވޯލްޑް ކަޕް 2010ގެ ޖަރުމަން ސްކޮޑުގައި ހިމެނުނު ތިން ސެންޓާ ފޯވާޑުންގެ ތެރޭގައި ކަކައޫ ހިމެނިފައިވެ އެވެ. އޭރު އެމަގާމަށް ނެގި އަނެއް ދެކުޅުންތެރިންނަކީ މިރޮސްލާވް ކްލޯސޭ އާއި މާރިއޯ ގޮމޭޒް އެވެ. މިހާރު ސްކޮޑަށް އެރުމަށްޓަކައި ކަކައޫ އަށް ވަނީ މައިކް ހެންކޭ އާއި ސްޓެފަން ކީސެލެން އާއި ވާދަކުރަން ޖެހިފަ އެވެ.

ފްރާންސް އާއި ދެކޮޅަށް އަންނަ ބުދަ ދުވަހު ކުޅޭ މެޗުގައި ޖަރުމަން ނުކުންނާނީ އަމިއްލަ ގައުމުގައި ކުޅުމަށެވެ. މިއީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެކެވެ.