ޔޫތްއެފްއޭކަޕް ފުޓް ބޯޅަ މުބާރާތުގެ ގްރޫޕް އޭ ފަޅިން ވާދަކުރާ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ކުޅުނު މެޗް 4-0 ލަނޑުން މަހިބަދޫ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލި އިރު، މަހިބަދޫ އިން ވަނީ ވީބީ އައްޑޫ އެފްސީ ކޮޅަށް ދެ ލަނޑު ޖަހައި މެޗުގެ ލީޑް ނަގައިފަ އެވެ. މެޗުގެ ފުރަތަމަ ލަނޑު، ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި މަހިބަދު އަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ސައުދު ސައީދެވެ. އަދި ދެ ވަނަ ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި މަހިބަދޫއަށް ކާމިޔާބު ކޮށްކޮށް ދިނީ އަބްދުލް ބާސިތެވެ. އަދި އޭނާ ވަނީ މެޗުގެ ދެ ވަނަ ހާފުގައި މަހިބަދޫގެ ތިން ވަނަ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ.
މެޗުގައި މަހިބަދޫއިން އައްޑޫ އެފްސީ ކޮޅަށް ޖެހި އެޓީމުގެ ހަތަރު ވަނަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 58 ވަނަ މިނެޓުގައި މުހައްމަދު ސާތިރުގެ ފަރާތުންނެވެ.

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ދޭއްގެ ފަޅިން ވާދަކުރާ އީގަލްސްއާއި އޯލް ޔޫތް ލިކްއޭޖް އެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:10 ގަ އެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.