31 Aug 2021, 07:22
ފިލްމު "މިޝަން މަޖްނޫ"ގެ ޝޫޓިން ރަޝްމިކާ މަންޑަނާ ނިންމާލައިފިއެވެ.
މިއީ ރަޝްމިކާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ. ބޮލީވުޑްގެ އެކްޓަރު ސިދާތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.
ފިލްމުގައި ސިދާތު ކުޅޭނީ ރޯ އެޖެންޓެއްގެ ރޯލެވެ. ތުރިލާ ޖޯންރާއަށް ތައްޔާރުކޮށް އުފައްދާފައިވާ އެ ފިލްމުގެ ޕޯސްޓަރުވެސް މިހާރު ދައްކާލައިފައިވާއިރު މިޝަން މަޖްނޫ އަކީ ހަގީގީ ހާދިސާއަކަށް ބިނާކޮށް އުފައްދާ ފިލްމެއްވެސްމެއެވެ. މި ފިލްމުގައި ފެނިގެންދާނީ ޕާކިސްތާނާއި އިންޑިއާގެ ގުޅުން ބަދަލުވާން ދިމާވި ހަގީގީ ސަބަބުތަކެވެ.
އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝާންތަނޫ ބަގްޗީ ޑައިރެކްޓްކުރާ މި ފިލްމަކީ ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ފިލްމުގެ ޝޫޓިން ނިންމާލުމަށްފަހު ރަޝްމިކާ ބުނީ މި ފިލްމުގެ ބައިވެރިންނާ އެކު މަސައްކަތް ކުރަން ފަސޭހަ ކަމަށާއި ކޯ އެކްޓަރު ސިދާތު އޭނާ އަށް ވަރަށް އެހީތެރިވެދިން ކަމަށެވެ.