ކޮމިޝަނާ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ހެއާ ކެއާ ޕޮލިސް އިންޓަ ޑިޕާރޓްމަންޓް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އެސްއޯ އާއި ދޫނިދޫ ކަސްޓޯޑިއަލް ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމް ފައިނަލުން ޖާގަ ހޯދާފައި ވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށްގެންނެވެ.

އެގޮތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެސްއޯ އާއި ވިލިމާލެ ޕޮލިސް އެވެ. ދެ ރަތް ކާޑު ފެނިގެންދިޔަ މިމެޗު 1-0 ން އެސްއޯ ކާމިޔާބުކުރި އިރު، މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދީފައި ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ވެސް ހޮވުނު އަލީ ފަހުމީ އެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މާލެ ކަސްޓޯޑިއަލް އާއި ދޫނިދޫ ކަސްޓޯޑިއަލް ވާދަކުރި މެޗު 3-1 ލަނޑުން ކާމިޔާބުކޮށްފައި ވަނީ ދޫނިދޫ ކަސްޓޯޑިއަލް އެވެ. މިމެޗުގައި ދޫނިދޫ ކަސްޓޯޑިއަލްއިން ޖެހި 3 ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އިބްރާހިމް މުޙައްމަދު އެވެ. އަދި އަނެއް ލަނޑު ކާމިޔާބުކޮށްދީފައި ވަނީ ޒައިދު ޝަރީފް އެވެ. މިމެޗުގައި މާލެ ކަސްޓޯޑިއަލްއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ނަސްރުﷲ ސައީދު އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ދޫނިދޫ ކަސްޓޯޑިއަލް އަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިބްރާހިމް މުޙައްމަދު އެވެ.

މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. އެހެންނަމަވެސް ފައިނަލް މެޗް ކުޅޭނެ ދަނޑެއް އަދި މުޅިން ފައިނަލް ވެފައި ނުވާކަމަށް ފުލުހުންގެ އިދާރާ އިން މައުލޫމާތުދެ އެވެ.