30 Aug 2021, 22:27
ގުރޭޑު އެކެއްގެ ކުދިންނަށް ކްރިއޭޓިވް އާޓް ފޮތް ދޭން ނިންމައިފައިވަނީ ކޮންމެ ފަސް ކުއްޖަކަށް ފޮތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
މީގެއިތުރުން ކޮންމެ ކުއްޖަކަށް ފޮތެއް ދީފައިވާނަމަ އަނބުރާ އަތުލަން ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.
އެ މިނިސްޓްރީން ސުކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މި އަހަރު ގުރޭޑު އެކަކަށް ކްރިއޭޓިވް އާޓް ކިޔަވައިދިނުމަށް ދަރިވަރުންނަށް ޚާއްސަ ފޮތެއް ކަނޑައަޅައިފައި ނުވާ ކަމަށެވެ. ނަމަވެސް ކްލާސް ޓީޗަރުން އެ މާއްދާ ކިޔަވައިދިނުމުގައި ބޭނުން ކުރުމަށް އޭ ތިނެއް ސައިޒުގެ ފޮތެއް ހިމަނައިފައިވާނެ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.
"މާ ބޮޑު މައްސަލައަކަށް ވާނެ ހެންނެއް ހިޔެއް ނުވޭ. ސަބަބަކީ ގިނަ ފަހަރަށް ކްރިއޭޓިވް އާޓަކީ ޕްރެކްޓިކަލް ސަބްޖެކްޓެއް ވީމަ ފޮތް ބަލައިގެނެއް ނޫން ޓީޗަރު ކިޔަވައިދޭނީ،" ސުކޫލެއްގައި މަސައްކަތް ކުރައްވާ ލީޑިން ޓީޗަރަކު "ސަން"އަށް ވިދާޅުވިއެވެ.
އެ ސާކިއުލާގައި ބުނެފައިވާގޮތުން ސުކޫލުތަކަށް ބަހަން ހަމަޖައްސައިފައިވަނީ ގުރޭޑު އެކެއްގެ ކުލާސްތަކުގެ ޖުމުލަ އަދަދަށް ބަލައި ކޮންމެ ފަސް ދަރިވަރަކަށް ފޮތެއްގެ ނިސްބަތުންނެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މިގޮތަށް ކަންތައްކުރަން ނިންމީ ހުރިހާ ކުދިންނަށް ވާ ވަރަށް ފޮތް ޗާޕު ކުރެވިފައި ނުވާތީއެވެ. ސުކޫލު ބަންދުވި އިރު ކުދިންނަށް ދިން ފޮތް ލިސްޓުގައި ކޮންމެ ކުއްޖަކަށް ކްރިއޭޓިވް އާޓް ފޮތެއް ވަނީ ހިމަނައިފައެވެ.
ސާކިއުލާގައި ބުނާ ގޮތުގައި އެ ފޮތްތައް ބަހައްޓަން ޖެހޭނީ ޓީޗަރުން އަތުގައެވެ. އަދި ޓީޗަރުން ރައްކާތެރިކަމާއެކު އެ ފޮތްތައް ބަލަހައްޓައިފިނަމަ ކުރިއަށް އޮތް ދެ އަހަރު ކްރިއޭޓިވް އާޓް ފޮތް ޗާޕުނުކޮށް ވާނެ ކަމަށް ބެލެވޭ ކަމަށް އެ ސާކިއުލާގައިވެއެވެ.