އިނގުރަކީ މާ ގިނަބަޔަކަށް އެހާ ކަމުދާ އެއްޗެއް ނޫނެވެ. އަދި މީރުވެގެން އިނގުރު ކާ މީހަކު މަދުވާނެއޭ ބުނެވިދާނެއެވެ. ނަމަވެސް އިނގުރަކީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އަދި ގިނަ ބަލިތަކަކަށް ފަރުވާއެއް ވެސް މެއެވެ.

އިނގުރުފެން ނުވަތަ އިނގުރުސައި ބުއިމުން ލިބޭ ބައެއް ފައިދާތަކަށް ބަލައިލާނަމެވެ.

އަންހެނުންނަށް މައްސަރު ކަންތައް ދިމާވާއިރުގައި ވާ ތަދުތަކަށް އިނގުރު ފެނުން ހައްލު ލިބެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އިނގުރު ބޭސް ގުޅަ ބޭނުން ކުރުމުން މައްސަރު ދުވަސްވަރުގައި ވާ ތަދު ކުޑަވެއެވެ. އެހެން ކަމުން އިނގުރު ފެން ނުވަތަ އިނގުރުސައި ވެސް މައްސަރު ދުވަސްވަރު ވާ ތަދުތައް ކުޑަކުރުމުގައި އެހީވާނެއެވެ.

މީގެ އިތުރުން ވަރަށް ގިނަ ޑޮކްޓަރުން ވަނީ ކީމޯތެރަޕީގެ ސަބަބުން ނުވަތަ މާބަނޑުވުމުގެ ސަބަބުން ހޮޑު ލެވޭގޮތް ވާނަމަ އިނގުރުފެން ނުވަތަ އިނގުރުސައި ބުނުމަށް އިރުޝާދުދީފައެވެ. ސަބަބަކީ އިނގުރަކީ ބަނޑު ހުސްކޮށް ކާއެއްޗެހި ގޮހޮރަށް ދިއުން އަވަސްކޮށްދޭ ބާވަތެކެވެ.

އިނގުރު ސައި ނުވަތަ އިނގުރު ފެން ބުއިމުގެ ސަބަބުން ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތަކުގެ ޝިކާރައަކަށްވާ މިންވަރު ކުޑަވެއެވެ. އަދި އިނގުރަކީ ހަށިގަނޑު ބަލިވުމުން ސަލާމަތްކޮށްދީ ހަށިގަނޑުގައިވާ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭ އެއްޗެކެވެ.

އިނގުރުފެނަކީ ނުވަތަ އިނގުރު އަޅާފައިވާ ބުއިންތަކަކީ ޑީޓޮކްސް ބުއިންތަކުގެ ތެރޭގައި ހިމެނޭ ބުއިންތަކެކެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އިނގުރަކީ ވަރަށް ފައިދާ ހުރިއެއްޗެކެވެ. އަދި އިނގުރު ފެނަކީ ސޮފްޓު ޑްރިންކްސްގެ ބަދަލުގައި ބޭނުންކުރެވޭނެ ކެލަރީ މަދު ބުއިމެކެވެ.

މީގެ އިތުރުން އިނގުރަކީ ލެޔާއި ހަކުރުގެ މިންވަރު ހަށިގަނޑުގައި އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް ބޭނުން ކުރެވޭނެ ވަރަށް މޮޅު ބުއިމެކެވެ. އަދި އިނގުރު ފެނަކީ ޓައިޕް ޓޫ ޑައިބެޓިކްސް ހުންނަ މީހުންވެސް ބޭނުން ކުރަން ރަނގަޅު ބުއިމެކެވެ.