ފަނަރަ ވަނަ އިންޓަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި ރޭ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާ ދެކޮޅަށް ކުޅުނު މެޗް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައި ކުޅުނު މިމެޗް އައިލެންޑް އޭވިއޭޝަންއިން ކާމިޔާބު ކުރީ 55 ޕޮއިންޓް، 33 ޕޮއިންޓުން ނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އައިލެންޑް އޭވިއޭޝަންގެ ޓީމަށް 10 ޕޮއިންޓް ކާމިޔާބުކޮށްދިން އަލީ ލިވާޒެވެ.

ދެ ޑިވިޝަން އަކަށް ބަހާލައިގެން އެއްބުރު ކުޅުމަށް ފަހު، ކޮންމެ ޑިވިޝަނަކުން އެންމެ މޮޅު ޓީމެއް ފައިނަލަށް ދަތުރު ކުރާ މިމުބާރާތުގައި މިރޭ ބައްދަލުކުރާ ދެ ޓީމަކީ ފުރަތަމަ ޑިވިޝަންގެ އެމްއެންޑީއެފް އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އިމިގްރޭޝަނެވެ. މެޗް ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30 ގަ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.

ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމްތަކަކީ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެ ޑެވެ.