ކޯރަމް ހަމަނުވެގެން މިއަދު ބޭއްވުމަށް ނިންމި ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ އަންނަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން ބެޑްމިންޓަން އެސޯސިއޭޝަނުން ނިންމާފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ހެދުނު ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާ ކޯރަމް ހަމަނުވެގެން ފަސްކުރީ، އެ އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައި ބުނެފައި ވަނީ ޖަލްސާ ބޭއްވޭނީ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މެންބަރުގެ ތެރެއިން ކޮންމެ ބާވަތަކުން 33 އިންސައްތަ މެމްބަރުން ހަމަވެގެން ކަމަށްވީ އިރު ފަރުދީ (އަމިއްލަ) މެމްބަރުންގެ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ.

އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ އަމިއްލަ މެންބަރުގެ އަދަދަކީ 91 މެންބަރުންނެވެ. އަދި ކުލަބް މެންބަރުންގެ އަދަދަކީ ހަ މެންބަރުންނެވެ. އަދި ފުރިހަމަ މެންބަރުންނަކީ ނުވަ މެންބަރުން ނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމްތަކަކީ ރައީސް އާއި ނައިބު ރައީސް އާއި ހަޒާންދާރާއި އެގްޒެކްޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްޞީލުކުރާ މެމްބަރަކާއި އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެމްބަރުން ތަމްޞީލްކުރާ މެންބަރަކާއި އެގްޒެކްޓިވް ކޮމެޓީގެ ފަރުދީ މެމްބަރުން ތަމްޞީލްކުރާ މެމްބަރު އަދި އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރެކެވެ.


ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ރިޔާޒް ވިދާޅުވީ، ރައީސް ކަމަށް ކުރިމަތިލާފައި ވަނީ މިހާރުގެ އެކްސްކޯ މެންބަރު އިސްމާއިލް ޝަފީއު އެވެ. އަދި ނައިބް ރައީސަކަށް މިހާރު ވެސް އެ މަގާމުގައި ހުންނެވި ކުރީގެ އެއް ވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މޫސާ ނާޝިދު ކުރިމަތިލެއްވި އިރު ހަޒާންދާރަކަށް ކުރިމަތިލެއްވީ މުހައްމަދު އިބްރާހިމް މަނިކެވެ.

އެގްޒެކްޓިވް ކޮމެޓީގެ ފުރިހަމަ މެންބަރުން ތަމްޞީލުކުރާ މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ މުހައްމަދު މާހިދު ޝަރީފެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ އެސޯސިއޭޓް މެމްބަރު ކަމަށް އަލީ ނަސީރު އަބްދުﷲ ކުރިމަތިލެއްވި އިރު، އެގްޒެކްޓިވް ކޮމެޓީގެ ފަރުދީ މެމްބަރުން ތަމްޞީލްކުރާ މެމްބަރު ކަމަށް ކުރިމަތި ލައްވާފައި ވަނީ މަމްދޫން ރަޝީދެވެ. އަދި އެގްޒެކްޓިވް ކޮމެޓީގެ އަންހެން މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް ދެ ބޭފުޅަކު ކުރިމަތި ލައްވާފައި ވާއިރު، އެ ދެބޭ ފުޅުންނަކީ ރަހީމާ އާދަމް އާއި އާމިނަތު އަލީ އެވެ.