މީގެ 11 ކަށް އަހަރުކުރިން ފެށިގެން ދުނިޔޭގައި ރާއްޖެ މަޝްހޫރު ކުރީ "ސަނީ ސައިޑް އޮފް ލައިފް"ގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ ޓޫރިޒަމް ރިބްރޭންޑްކޮށް "އޯލްވެސް ނެޗްރަލް"ގެ ގޮތުގައި ރާއްޖެ މަޝްހޫރުކުރަން ނިންމި އެވެ. އެއާ އެކު ގިނަ ބަޔެއްގެ ފާޑު ކިޔުން އާ ލޯގޯ އާއި ޝިއާރަށް އަމާޒުވި އެވެ. މައިގަނޑު އެއް ސަބަބަކަށްވީ އެއީ ކޮޕީކޮށްފައިވާ ލޯގޯއެއް ކަމަށްވުމާއި ރާއްޖެއާ ލޯގޯއާ ގުޅުން ކުޑަވުމެވެ.

މަޓާޓޯ އާއި ޓޫރިޒަމް ސެކްޓާގެ އަދި ޑިޒައިނަރުން ވެސް އެ ލޯގޯއަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ނަމަވެސް އޭރުގެ ސަރުކާރުން އެ ލޯގޯ އާއި ޝިއާރައިގެން ކުރިއަށް ދިޔުމަށް ނިންމާ ބައެއް ބިލްބޯޑްތައް ވެސް ފަރުމާކޮށް ސްޓޯލްތަކުގައި ވެސް ޑިސްޕްލޭ ކުރި އެވެ.

ޑރ. މުހަންމަދު ވަހީދުގެ ސަރުކާރުގެ އާ ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބުގެ މިނިސްޓަރު ކަމުގެ ފުރަތަމަ ދުވަހު ވެސް ވިދާޅުވީ ނަޝީދުގެ ސަރުކާރުން ގެނައި ލޯގޯ އާއި ޝިއާރު ބޭނުންކޮށް ރާއްޖެ ޕްރޮމޯޓްކުރުމަށް ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާ މަޝްވަރާ ކުރާނެ ކަމަށެވެ. ނަމަވެސް އަދީބު މިއަދު ވިދާޅުވީ ކުރީގެ ލޯގޯ އާއި ޝިއާރު، ސަނީ ސައިޑް އޮފް ލައިފް އަލުން ބޭނުން ކުރަން ފެށުމާ ގުޅޭގޮތުން ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އެދި އެކަމަށް ގޮތެއް ނުނިންމާ ކަމަށެވެ.

ރާއްޖެ އޯލްވެސް ނެޗްރަލްއަށް ދިޔުމަށް ނިންމާފައި އޮތް އޮތުން ބަދަލުވުމަކީ ގާތްކަމެކެވެ. އެއީ ޓޫރިޒަމްގެ ގިނަ ފަރާތްތަކުން އެކަމާ ހިތްހަމަ ނުޖެހުމެވެ. އަދީބު ހުންނެވީ އިންޑަސްޓްރީގެ މެޖޯރިޓީއަށް ތަބާވުމަށް ތައްޔާރަކަމުގައި ވެސް ވުމެވެ.

މަޓާޓޯގެ ސެކްރެޓަރީ ޖެނެރަލް، މަލީހު ޖަމާލް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ކުރީގެ ލޯގޯ އަލުން ބޭނުން ކުރުމަށް ކަމަށާއި ސަރުކާރާއެކު ބޭއްވި މަޝްވަރާތަކުގައި ވެސް ކުރީގެ ލޯގޯ އަލުން ބޭނުން ކުރުމަށް ސަރުކާރު ޕޮޒިޓިވްކަން ސާފުވި ކަމަށެވެ.

ނަޝީދުގެ ސަރުކާރުން ގެނައި އާ ލޯގޯ ފަރުމާކުރުމަށް ދޮޅު މިލިއަންނެއްހާ ރުފިޔާ ހަރަދުވި އެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރަށް ބަލާއިރު ކުރީގެ ލޯގޯ އާއި ޝިއާރު އަލުން އެނބުރި އައުމަކީ ކައިރި ކަމެކެވެ.