އަފްގާނިސްތާނުގެ ކާބުލް އެއާޕޯޓު ކައިރިއަށް މިއަދު ރޮކެޓް ހަމަލާ ދީފިއެވެ.

ކާބުލް އެއާޕޯޓު ކައިރީ އޮންނަ ސާލިމް ކަރްވާންއޭ ކިޔާ އަވަށަށް އެ ހަމަލާ ދިނީ އެމެރިކާގެ ސިފައިން ކާބުލް ދޫކޮށް ދާން އެއާޕޯޓުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި އެ ހަމަލާއަށް ފަހު ބަޑި ޖެހި އަޑުވެސް އިވިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހަމަލާ ދިން ފަރާތެއް އަދި އެނގިފައި ނުވެއެވެ. އަދި އެ ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ.

ނަން ހާމަ ނުކޮށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް މައުލޫމާތު ދިން ފަރާތަކުން ވަނީ އެއާޕޯޓު ކައިރިން ތިން ގޮވުމެއްގެ އަޑު އިވުނު ކަމަށް ބުނެފައެވެ.

އެ ހަމަލާއަށް ފަހު އެމެރިކާ ސިފައިންވަނީ އަނެއްކާވެސް އަފްގާނިސްތާނުން ފައިބަން ފަށާފައެވެ.

އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެ ހަމަލާއާ ބެހޭ މައުލޫމާތު އެގައުމުގެ ރައީސް ޖޯ ބައިޑެންއާ ހިއްސާކޮށްފައިވާ ކަމަށް ބުނެފައެވެ.

އެމެރިކާއިން ވަނީ އެގައުމުގެ ހުރިހާ ސިފައިން މާދަމާގެ ނިޔަލަށް އަފްގާނިސްތާނުން ފައިބާނެ ކަމަށް ބުނެފައެވެ.

މިދިޔަ ހަފްތާގައި އައިއެސް ޖަމާއަތުން ކާބުލް އެއާޕޯޓުގެ ބޭރުގައި ދިން ހަމަލާއެއްގައި އަފްގާނިސްތާނުގެ 169 މީހަކާއި އެމެރިކާގެ 13 ސިފައިން މަރުވެފައިވެއެވެ.