ގިނަ އަދަދެއްގެ ފޯނާ އެކު ކ. މާފުށީ ޖަލަށް މަނާ ތަކެތި ވައްދަން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ އެ ތަކެތި އަތުލައިގަތީ ޕޮލިސް އިންޓެލިޖެންސް އާއި މާފުށީ ފުލުހުންނާއި ކަރެކްޝަންސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ސީޕީ ވިދާޅުވީ އެ މީހާ ހައްޔަރު ކުރީ މާފުށީ ގޮނޑުދޮށުން ކަމަށެވެ.

އެ މީހާގެ އަތުން ފެނުނު ތަކެތީގެ ތެރޭގައި 50 ސްމާޓް ފޯނާއި 42 ފީޗާ ފޯނާއި 109 ފޯނު ޗާޖަރާއި 77 ޔޫއެސްބީ ކޭބަލާއި 65 ހެޑްސެޓާއި 48 ދިރާގު ސިމް ކާޑާއި 12 އުރީދޫ ސިމް ކާޑާއި ކަޓަރު ތިލަ ހިމެނޭ ދެ ޕެކާއި 10 މިސްވާކު ނުވަތަ އިރާކު ދަނޑި ހިމެނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މާފުށީ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.