30 Aug 2021, 10:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރެއްވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ގާޒީއެއްގެ އޯޑިއޯ އިއްޔެ އާންމުވެފައިވާތީ އެކަމާ ގުޅިގެން އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައިިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ މަޖިލީހަށް ދެ ކުއްލި މައްސަލައެއް ހުށަހަޅައިފައިވާކަމަށް ވިދާޅުވެފައެވެ.
އެ ދެ މައްސަލައަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި މައްސަލައަކާއި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާޢީ ހުށަހެޅުއްވި މައްސަލައެކެވެ.
ކުއްލި މައްސަލަ ހުށަހެޅުމަށް ރިޔާސަތަށް ދެ މެންބަރަކު އެދިވަޑައިގެންފައިވާތީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތަށް ވަނީ ގުރުއަތު ލައިފައެވެ. ގުރުއަތުން ދިމާވީ މެންބަރު ރާއީއަށެވެ.
މެންބަރު ރާއީ ހުށަހެޅުއްވި މައްސަލައަކީ ރަސްފަރީފަރަށް ބޮޑު އާގުބޯޓެއް އަރައި ހިނގައިދިޔަ ހާދިސާ ފުރިހަމައަށް ތަހުގީގުކޮށްދީ އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައިދިނުމަށް އެދި ހުށަހަޅައި ކުއްލި މައްސަލައެކެވެ.
ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފައެވެ. އަދި ރައީސް ޔާމީނަށް ހުކުމް ކުރި އިރުގައި ފަނޑިޔާރުންނަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ވިދާޅުވެފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
"މި މަޖިލީހުގައި އެންމެ ފުރަތަމަ ބަލަން ޖެހޭ މައްސަލައަކީ އެއީ ކަމަށް އަޅުގަނޑު ދެކެނީ،" ޝިޔާމް ވިދާޅުވިއެވެ.
އެ މައްސަލައަކީ ނިޒާމީ މައްސަލައެއް ކަމަށް ރިޔާސަތުން ބަލައި ނުގެންނެވުމުން އިދިކޮޅު މެންބަރުންވަނީ ރިޔާސަތު ކުރިމައްޗަށް ވަޑައިގެން އަޑުގަދަ ކުރައްވާފައެވެ. އޭގެ ތެރޭގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގާއި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވައެވެ.
އިދިކޮޅު މެންބަރުން ރިޔާސަތު ކުރިމަތީގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން މެންބަރު ރާއީއަށް ކުއްލި މައްސަލަ ހުށަހެޅޭ ގޮތް ވަނީ ނުވެފައެވެ.
ރިޔާސަތު ކުރިމަތީ އިދިކޮޅު މެންބަރުން އަޑުގަދަ ކުރައްވަން ފެއްޓެވުމުން ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެތް)ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ އިދިކޮޅު މެމްބަރުންގެ ނަން އިއްވައިގެން ވިޔަސް މަޖިލިސް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"ބަޔަކަށް ލާރިދީގެން އޯޑިއޯއެއް ނެރުނު ކަމުގައި ވިޔަސް އަދި އެއީ މި މަޖިލީހުގެ ރިޔާސަތާ ގުޅުން ހުރި ކަމެއް ނޫން،" މެންބަރު ހަލީމް ވިދާޅުވިއެވެ.
މެންބަރު ހަލީމް ވަނީ އެކި ފަހަރުމަތިން ނިޒާމީ މައްސަލަ ނަންގަވާ އެ އޯޑިއޯތަކަކީ ބަޔަކަށް ފައިސާ ދީގެން ހަދައިފައިވާ އޯޑިއޯތަކެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދެވީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށާއި އެއީ ގައުމީ މައްސަލައެއް ކަމަށެވެ. ރިޔާސަތުގައި އިންނެވި މެންބަރު އަފީފު ވަނީ އިދިކޮޅު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެެ.
އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އެޖެންޑާގައި ނެތް ކަމަށާއި ކުރިއަށް ގެންދެވޭނީ އެޖެންޑާ ކޮށްފައިވާ މައްސަލަތައް ކަމަށެވެ. އަދި އެފަދަ މައްސަލަތަކުގައި ވަޑައިގަންނަވަން ޖެހޭނީ ހައި ކޯޓަށާއި ސުޕްރީމް ކޯޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިޒާމީ މައްސަލައެއް ނަންގަވައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެއީ ކޮންތާކުން އައި އޯޑިއޯއެއްކަން ވެސް ނޭނގޭ ކަމަށެވެ.
"ފަނޑިޔާރުންގެ ވާހަކަ ދައްކަން މާ ރީއްޗެއް ނޫން މި ބޭފުޅުންނެއް. މި މަޖިލިސް ހިންގުނަ ނުދީ މެންބަރުންތައް ނަގައި ފާރުމަތިން އުކި ބައެއް މިއަދު ފަނޑިޔާރުންގެ ވާހަކަ މިދައްކަނީ،" ރޮޒައިނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދެވުމުން ރިޔާސަތުން ވަނީ އިތުރަށް މަޖިލިސް ކުރިއަށް ނުގެންދެވުމުގެ ސަބަބުން މަޖިލިސް މެދު ކަނޑައިލައިފައެވެ.
އިއްޔެ ލީކުވެފައިވާ އޯޑިއޯތަކަކީ ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޒީންގެ ބެންޗުގައި ތިއްބެވި ތިން ގާޒީއެއްގެ އޯޑިއޯކަމަށް ބުނެވޭ ތިން އޯޑިއޯއެވެ.