30 Aug 2021, 09:50
ވޮޝިންޓަން ( އޮގަސްޓް 30): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އެމެރިކާއިން އިއްޔެ ދިން ޑްރޯން ހަމަލާތަކުގައި އަފްޣާނިސްތާނުގެ އާންމުންގެ ބަޔަކު މަރުވެއްޖެއެވެ.
އަލްޖަޒީރާއިން ބުނާގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި ތުއްތު ހަތަރު ކުދިން ހިމެނެއެވެ.
އަފްޣާން އަމަނާބެހޭ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނާގޮތުގައި ޑްރޯން ބޭނުންކޮށްގެން އެމެރިކާ ފުރަތަމަ ހަމަލާއަމާޒުކުރީ ކާރަކަށެވެ. ދެވަނަ ހަމަލާއަމާޒުކުރީ އާންމުންގެ ބަޔަކު ދިރިއުޅޭ ގެއަކަށެވެ. ދެ އަންހެނުންނާއި ތުއްތު ހަތަރު ކުދިން މަރުވީ އެގެއަށް ދިން ހަމަލާގައި ކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ. އަފްޣާނިސްތާނުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތުންވަނީ އެމެރިކާގެ ހަމަލާތަކުގައި އަފްޣާން އާންމުން މަރާލި މައްސަލަ ކުށްވެރިކޮށްފައެވެ.
މި ހަމަލާތަކާބެހޭގޮތުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ އެއީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށްދިން ހަމަލާތަކެއްކަމަށާ ހަމަލާތައްދިނީ އައިސިސްއިން ޓެރަރިސްޓް ހަމަލާތަކެއް ދޭންއުޅޭކަމުގެ މައުލޫމާތު ލިބިގެންކަމަށް ބުނެ އެހަމަލާތަކުގެ ދިފާއުގައި ވާހަކަ ދައްކާފައެވެ.
އައިސިސް އިން ދޭ ބޮމުގެ ހަމަލާތަކާއި އެޖަމާއަތުގެ ހަނގުރާމަވެރިން އަމިއްލައަށް މަރުވެގެންދޭ ހަމަލާތަކުގައި ގިނައިން މަރުވަނީ ކުށެއްނެތް އާންމުންނެވެ. އެގޮތަށް ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާ ދޭ ހަމަލާތަކުގައިވެސް ގިނައިން މަރުވަނީ އާންމުންކަން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާހަގަކޮށް އެކަން ކުށްވެރި ކުރެއެވެ. އެފަރާތްތަކުންވަނީ އެމެރިކާ އިއްޔެ ކާބުލްގެ ގެއަކަށް ދިން ހަމަލާގައި އާންމުން މަރުވެފައިވާތީ އެކަން ކުއްވެރިކޮށްފައެވެ.
ހަނގުރާމަވެރިން ތިބޭ ގޭގެއަށާއި އިމާރާތްތަކަށް އެމެރިކާ ބޮންއަޅާއިރު އެތަންތަނުގައި އާންމުން ތިބި ނަމަވެސް އާންމުންގެ ފުރާނައަށް އެމެރިކާ ނުބަލާކަމުގެ ތުހުމަތަކީ އަފްޣާނިސްތާނުގެ އިތުރުން އިރާގުފަދަ ގައުމުތަކުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން އެމެރިކާގެ މައްޗަށް އަބަދުވެސް ކުރެވޭ ތުހުމަތުތަކެކެވެ.
އެމެރިކާއިން ކާބުލްއަށް މިހަމަލާތައް ދީފައިވަނީ މިދިޔަ ހަފްތާގައި ކާބުލްއެއާޕޯޓްގެ ކައިރީގައި އައިސިސް ޖަމާއަތުން ދިން ދެ ހަމަލާއެއްގައި 60 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައި ވަނިކޮށެވެ. ކާބުލް އެއާޕޯޓްގެ ކައިރީގައި އައިސިސް ގެ ދެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ދެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ 13 ސިފައިން ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި އެމެރިކާގެ 18 ސިފައިންވެސް ހިމެނެއެވެ. އައިސިސްގެ އެ ދެ ހަމަލާގައި ގިނައިން މަރުވެފައިވަނީ އަފްޣާން އާންމުންނެވެ.