30 Aug 2021, 16:58
އެޕަލް ކުންފުނިން އަލަށް ނެރޭ އައިފޯނު 13ގެ އަގު ކުރީގެ ފޯނުތަކަށްވުރެ ބޮޑުވެދާނެ ކަމަށް ލަފާ ކޮށްފިއެވެ.
އަލަށް ނުކުންނަ އައިފޯނުގެ އަގު ބޮޑުވާކަމަށް ލަފާކުރެވެނީ ފޯނުގެ ޕްރޮސެސާ އުފައްދާ ޓައިވާނުގެ ސެމިކޮންޑަކްޓާ މެނުފެކްޗަރިން ކޮމްޕެނީ ލިމިޓެޑް (ޓީއެސްއެމްސީ) ގެ އަގުތައް ބޮޑުވުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޓީއެސްއެމްސީގެ ބައެއް ޓެކްނޮލޮޖީ ޕްރޮޑަކްޓްތަކުގެ އަގުތައް 20 ޕަސެންޓަށް މަތިވާނެ ކަމަށް އެ ކުންފުނިން ކަސްޓަމަރުންނަށް ވަނީ އަންގާފައެވެ. ނަމަވެސް އައިފޯނުން ބޭނުން ކުރާ ސަބް-7އެންއެމް ޓެކްނޮލޮޖީގެ އަގު އުފުލޭނެ ކަމަށް ބެލެވެނީ ތިން ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ މިންވަރަކަށެވެ.
ޑިޖިޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި އެ ބަދަލާއެކު އެޕަލްގެ ފޯނަށް ތިން ޕަސެންޓު އަދި ފަސް ޕަސެންޓުގެ އިތުރުވުމެއް އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މި ބަދަލުތައް އަންނަ އަހަރުން ފެށިގެން އަންނާނެ ކަމަށް ބެލެވޭއިރު، މުސްތަގުބަލުގައި އެޕަލްއިން އެމީހުންގެ ޕްރޮޑަކްޓްތަކުގެ އަގު ބޮޑު ކުރާނެ ކަމަށް ބެލެވެއެވެ.
އެޕަލް އިން މިދިޔަ އަހަރު އައިފޯނު 12 ނެރިފައިވާއިރު އެކުންފުނިން ވަނީ މިއަންނަ މަހު އައިފޯނު 13 އިފްތިތާހު ކުރާނެ ކަމަށެވެ.
މި އަންނަ މަހު އިފްތިތާހުކުރާ ފޯނުތަކުގެ ތެރޭގައި އައިފޯން 13، އައިފޯން 13 ޕްރޯ، އައިފޯން 13 މިނީ، އަދި އައިފޯން 13 ޕްރޯ މެކްސް ހިމެނެއެވެ.
އައިފޯން 13 ގައި ބެޓެރި ބޮޑުވެފައި ކެމެރާ ކުރިއަށްވުރެ ފެންވަރު ރަނގަޅުވާނެ ކަމަށް ވެއެވެ.
މީގެ އިތުރުން އައިފޯން 13ގައި ސްމޯލް ނޮޗް، އޭ15 ބައޯނިކް ޗިޕް، އައިއޯއެސް 15ގެ އިތުރުން ވެސް އިތުރު ފީޗާސްތައް ހިމެނެއެވެ.