23 Feb 2012, 14:44
ޖީއެސްޓީއަކީ މުދަލާ ހިދުމަތުގެ އަގުން، މުދާ ގަންނަ ފަރާތުން ނަގާ ޓެކުހެކެވެ. އަގުގެ ހަ ޕަސެންޓަށްވާ ފައިސާ ދައްކަނީ ކަސްޓަމަރެވެ. ވިޔަފާރިވެރިޔާ ރޯލަކީ އެ ފައިސާ ސަރުކާރަށް ފޯރުކޮށްދޭ މެދުވެރިއަކަށް ވުމެވެ. އެހެންވެ ޖީއެސްޓީން ވިޔަފާރިވެރިޔާގެ ޖީބަށް ކުރާނެ ބާރެއް ނެތެވެ. ޖެހެނީ ކުޑަކޮށް އިދާރީ ކަންކަން ހަމަމަގަށް އަޅުވާށެވެ. ނަމަވެސް ޖީއެސްޓީ ނަގާ، އެ ފައިސާ މީރާއަށް ނުދައްކާ 1200 ވިޔަފާރިވެރިން ތިބިކަން މީރާއިން އިއްޔެވަނީ ހާމަކޮށްފަ އެވެ. އޭގެން 800 ފަރާތަކީ މާލޭގެ ވިޔަފާރިވެރިންނެވެ. އެ މީހުންނަށް އެ ފައިސާ މީރާއަށް ދެއްކުމުން ވާނެ ގެއްލުމެއް ނެތް އިރު އެފައިސާ ނުދައްކަނީ ކީއްވެބާއެވެ؟
މުއްދަތު ފަހަނަ އަޅާ ދިޔުމުން ތިން ފަހަރަށް މުއްދަތު އިތުރު ކޮށްގެން ވެސް ގިނަ ބަޔަކު ޖީއެސްޓީ ނުދެއްކިއިރު މީރާއިން އަދިވެސް ތިބީ ޕޮޒިޓިވް ވިސްނުމެއްގަ އެވެ. މީރާއިން ގަބޫލުކުރަނީ ގިނަ ބަޔަކު ޓެކްސް ނުދައްކާ ކަމަށް އަދަދުން ދައްކަނީ އެ މީހުންނަކީ މިހާރު ވިޔަފާރި ނުކުރާ ބަޔަކަށް ވުމެވެ. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަން ޔަޒީދު މުހަންމަދު ވިދާޅުވީ ވިޔަފާރި މިހާރު ނުކުރާތީ ޖީއެސްޓީ ދައްކަން ނުޖެހޭ ފަރާތްތަކުން ވެސް ޓެކްސް ބަޔާން ނޫނީ ރިޓާން މީރާއަށް ހުށަހަޅާފައި ނުވާ ބަޔަކު ތިއްބެވެ.
"މީގަ އެބައުޅޭ [ޓެކްސް] ރިޓާން [ޓެކްސް ބަޔާން] ހުށަނާޅާ ކަމުގައި ވަންޏާ އަޅުގަނޑުމެންނަކަށް ނޭންގޭނެ އެބޭފުޅުން ޓެކްސް ދައްކަން ޖެހޭ ކަމެއް ނޫން ކަމެއް. އުސޫލެއްގެ ގޮތުން ގާނޫނު މިއޮންނަ ގޮތުން އިމްޕޯޓްކުރާ މީހަކުވެސް އިމްޕޯޓް ލައިސަންސް އޮންކަމުގައި ވަންޏާ މިހާރު އެކަން ހުއްޓާލާފައި ހުއްޓަސް ރަޖިސްޓްރީ ކުރަން ޖެހޭނެ. އެގޮތަށް ވަރަށް ގިނަ އިމްޕޯޓަރުން އެބަހުރި ރަޖިސްޓްރީކޮށްފައި. އެހެންވީމަ ޕޮސިބަލްކަމެއް [ވުން ގާތްކަމެއް] އެއީ އަސްލުވެސް އެމީހުންގެ ވިޔަފާރިތަކެއް ނެތީކަމަށް ވުން. އެކަމަކު ރިޓާން ހުށަނާޅަންޏާ، ތިމަންނަމެން ދައްކަންޖެހޭ އެއްޗެއްނެތޭ ކިޔާފައި، އެ ވެސް ހުށަހެއް ނާޅާނަމޭ ކިޔާފައި އެގޮތަށް އަޅާ ނުލައި އުޅޭ ގުރޫޕެއް ވެސް މީގައި ތެރޭގައި ތިބެދާނެކަމަށް މިބަލަނީ،" ޔަޒީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ބަޔެއްގެ އަތުން ޖީއެސްޓީ ނަގާ އެ ފައިސާ މީރާއަށް ރައްދުނުކުރާ ބަޔަކު އުޅުމަކީ ބޮޑެތި މައްސަލަތަކެއްގެ ނުކުންނާނެ ކަމެކެވެ. އެ މައްސަލަތައް ފެށުމުގެ ކުރިން މީރާއިން ވަނީ ޖީއެސްޓީ ނުދައްކާ ތިބީ ދައްކަން ނުޖެހޭ ފަރާތްތައްތޯ ބަލަމުންނެވެ. ޔަޒީދު ވިދާޅުވީ ޖީއެސްޓީ ފައިސާ ގިނަ ބަޔެއްގެ އަތުން ނަގައިގެން އެ ފައިސާ ނުދައްކާ ތިބުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނޭންގޭނޭ އެބޭފުޅުންނަކީ ވިޔަފާރިކުރާ ފަރާތްތަކެއްތޯ ނޫންތޯ! އެބޭފުޅުންނަށް އެގޭނީ. އެބޭފުޅުންކަމެއް އެކަން އަންގައި ދިނުން އެއީ. އަޅުގަނޑުމެން އެސްއެމްއެސް އަދި އީމެއިލް އިންވެސް މިދަނީ އެކަމަށް އެދެމުން. އަޅުގަނޑުމެން ފިޔަވަޅު އެޅުމުގެ ކުރިން އެކަން ބަލާނަން،" ޔަޒީދު ވިދާޅުވި އެވެ.
ޖީއެސްޓީދައްކަން ޖެހެނީ މަހަކު އެއްފަހަރު ނުވަތަ ތިން މަހުން އެއްމަހު އެވެ. މީރާއިން ބުނީ ބޮޑެތި ވިޔަފާރިތަކުން ޖީއެސްޓީ ފައިސާ ދައްކާފައި ހުރި ކަމަށެވެ. އެހެންކަމަށް ވާނަ ދެން ތިބީ ކުދި ވިޔަފާރިތަކެވެ. ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކަކީ ކުދިވިޔަފާރިތަކަށްވާއިރު އެއްވެސް އެމީހުންގެ ޝަކުވާތަކެއް ވެސް ހުންނާނެ އެވެ. ކަންމަތީ ބައެއް ފިހާރަތަކުން ބުނީ ޖީއެސްޓީ ފައިސާ ނެގުން ކިތަންމެ ފަސޭހަޔަސް އަދިވެސް ހިސާބުތައް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށެވެ.
"ހިސާބު ނުބެލެއްހެއްޓެންޏާ ޖީއެސްޓީ ކިހިނެތްތޯ ދައްކާނީ؟" ވިޔަފާރިވެރިއަކު ބުންޏެވެ.
މިއީ ކުދި ވިޔަފާރިތަކުގެ ޝަކުވާ ހުރި ގޮތެވެ. އެ ހުރިހާ ޝަކުވާތަކާއެކު ވެސް ޖީއެސްޓީ ފައިސާ ދައްކަން މީރާއިން ދީފައި ވަނީ މި މަހުގެ 28 އެވެ. ޔަޒީދު ވިދާޅުވީ އޭގެ ފަހުން ފައިސާ ނުދައްކާ ފިހާރަތަކަށް އަދަބު ދޭނެ ކަމަށެވެ. ޔަޒީދު ވިދާޅުވީ މީރާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ފުރަތަމަވެސް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރާނެ ކަމަށާއި އެއަށް ފަހު ދެން އަންނަ އަދަބުތައް ހަރުކަށިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ ޒިންމާދާރުކަމާ އެކުއޭ އަދަބުތައް ދޭންޖެހޭނީ. އެގޮތުން އަޅުގަނޑުމެން ވަގުތު ދީފިން. އެގޮތުން އަޅުގަނޑުމެންނަށް އެބަލިބޭ އެކައުންޓް ފްރީޒް ކުރުމާ. ލީޒްކޮށްގެން އުޅެންޏާމުން އޯނަރަށް ފައިސާ ނުދީ މީރާއަށް ފައިސާ ދިނުމަށް އެންގުން ފަދަ ކަންކަން. އެފަދަ ބާރުތައް އަޅުގަނޑުމެން ބޭނުންކުރަން ޖެހޭނެ. އެއީ ފައިސާ ނުދައްކަންޏާ އަދަބުހުރިކަން ވެސް އެގެންޖެހޭ،" ޔަޒީދު ވިދާޅުވި އެވެ.
އަދަބާ އެކު އެހެން ފުރުސަތެއް ވެސް މީރާއިން ވިޔަފާރިތަކަށް ތަނަވަސްކޮށްދެ އެވެ. އެއީ ފައިސާ ނުދެއްކޭ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސައިދިނުމެވެ. ޔަޒީދު ވިދާޅުވީ އެފަދަ ޕޮލިސީއެއް އެބައޮތް ކަމަށާއި އެގޭގެ ތެރެއިން ހަމަ ހަމަ އުސޫލަކުން އެފަދަ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށެވެ.
"ފައިސާ އެއްކޮށް ނުދެއްކެންޏާ އެއްވެސް އަޅުގަނޑުމެންނަށް އަންގާލަ ދިނީމައި ބައެއް ލުއިތައް ދެވޭނެ. އެކަމަކު އަޅުގަނޑުމެންނަށް އެކަން އެންގީމައި ދެއްތޯ އެނގޭނީ،" ޔަޒީދު ވިދާޅުވި އެވެ.
ޖީއެސްޓީގެ ގޮތުގައި ގިނަ ފައިސާ ނަގައި ނުދެއްކުމުގެ މައްސަލަ ފެންމަތިވާއިރު މިއީ މާ އަވަހަށް ޖީއެސްޓީ އިމްޕްލިމަންޓް ކުރުމުން ދިމާވި މައްސަލައެއް ކަމުގައިވެސް ވެދާނެ އެވެ. އެއީ ހަގީގަތުގައި ވެސް މައްސަލައެކެވެ. ކުރިއަށް އޮތްތަނުގައި ބޮޑަތި މައްސަލަތަކެއް ނުކުމެދާނެ އެވެ.