ރާއްޖޭގެ ސަރަހައްދީ ތަރައްގީއަށް އިންޑިއާ ސަރުކާރުން އެހީތެރިވާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ސަންޖޭ ސުދިރް ވިދާޅުވެއްޖެއެވެ.

ސަންޖޭ މިހެން ވިދާޅުވީ އިއްޔެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ބައްދަލުވުން ބޭއްވީ ރ. ކިނޮޅަހާއި ނ. ޅޮހީގައި އާ ކްލާސް ރޫމްތަކެއް އަޅައި އެ ކްލާސްރޫމްތައް ހުޅުވުމުގެ ގޮތުންނެވެ.

ސަންޖޭ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުގެ ޑިވެލޮޕްމެންޓު އެސިސްޓުގެ ދަށުން ރާއްޖޭގައި 30 މަޝްރޫއު މިހާރު ވެސް ކުރިއަށް އެބަ ގެންދެއެވެ.

މި މަޝްރޫއުތަކަކީ ގާތްގަޑަކަށް 200 މިލިއަން ރުފިޔާގެ މަޝްރޫއު ތަކެކެވެ.

ޑިވެލޮޕްމެންޓު އެސިސްޓުގެ ދަށުން އެންމެ ބޮޑަށް ފޯކަސް ކުރަނީ ތައުލީމީ ދާއިރާގެ ތަރައްގީގެ މަޝްރޫއުތަކަށް ކަމުގައި ސަފީރު ވިދާޅުވިއެވެ.

މި މަޝްރޫތަކުގެ ތެރޭގައި ފެހެންދޫ އަދި ގޮއިދޫގެ ސްޓޫޑެންޓު ފެރީ، 67 ރަށެއްގެ ކުޑަކުދިންގެ ޕާކު އެޅުން، އިންކްލޫސިވް އެޑިއުކޭޝަނަލް ސަޕޯޓު ޔުނިޓްސް އެޅުން އަދި އިތުރު މަޝްރޫއުތައް ވެސް ހިމެނެއެވެ.

އިންޑިއާއިން ރާއްޖޭގައި އިތުރު މަޝްރޫއުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަވަސް މުއްދަތެއްގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫތަކުގެ ތެރޭގައި ރަސްދޫގައި ކޯސްޓަލް ޕްރޮޓެކްޝަން އެޅުން، ފަރެސްމާތޮޑާ ގައި ވެޓް ލެންޑު ޕާކްތަކެއް އެޅުން، ދަރަވަންދޫގައި އެމްޖެންސީ މެޑިކަލް ސެންޓާރެއް އެޅުން، އައްޑޫގައި ތިން ފިޝް ޕްރޮސެސިން ޔުނިޓާއި ފަސް އިކޯ ޓޫރިޒަމް ޒޯނާއި ޑްރަގް ޑީޓޮކްސް ސެންޓަރު އެޅުން، ހޯރަފުށީގައި ބޮޓަލް ވޯޓާ ޕްލާންޓް އެޅުން، ހަނިމާދޫގައި ސޮއިލް ޓެސްޓިން ލެބް އެޅުން އަދި ކެނދިކުޅުދޫގައި ރިސާޗް ސެންޓަރަކާއި ފިޝް ޕްރޮސެސިން ޔުނިޓެއް އެޅުން ހިމެނޭ،" ސަންޖޭ ވިދާޅުވިއެވެ.