މޭސަން ގްރީންވުޑް ޖަހައިދިން ލަނޑާއެކު މެންޗެސްޓާ ޔުނައިޓެޑުން ވުލްސްގެ މައްޗަށް ކުރި ހޯދައިފިއެވެ. މިމޮޅާއެކު ޔުނައިޓެޑު ވަނީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ބަލި ނުވެ 28 މެޗު ހަމަކޮށް ލީގު ރެކޯޑު ގާއިމްކޮށްފައެވެ.

ފްރާންސްގެ ޑިފެންޑަރު ރަފައޭލް ވަރާންގެ ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ގޯލަށް ބާރު ބޮޑުވެގެން ދިޔައިރު ވަރާން ވަނީ ޑިފެންސް ލައިނުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ކައުންޓާ އެޓޭކުގައި ވުލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މެޗުގެ ނަތީޖާއާއެކެ ޔުނައިޓެޑު ވަނީ ތާވަލުގެ ތިން ވަނަ މަގާމަށް ހަތް ޕޮއިންޓާއެކު ޖެހިލާފައެވެ. ވުލްސް އޮތީ ތާވަލުގެ 18 ވަނަ މަގާމުގައެވެ. އެޓީމަށް އަދި މިސީޒަނުގައި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

ޕްރިމިއާ ލީގުގައި ދެން ކުޅުނު ދެމެޗުތަކަށް ބަލާއިރު ބާންލޭ އާ ލީޑްސް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޓޮޓެންހަމް ވަނީ ވޮޓްފޯޑްގެ މައްޗަށް 1-0 ކުރި ހޯދާފައެވެ.

ލީޑްސް އާ ބާންލޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނު އިރު އެމެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ބާންލީއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ފޯވާޑް ކްރިސް ވުޑްއެވެ.

ލީޑްސްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ 86 ވަނަ މިނިޓުގައި ޕެޓްރިކް ބެންފޯޑްއެވެ.

ޓޮޓެންހަމް މެޗުގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ 42 ވަނަ މިނިޓުގައި ސޮންއެވެ. މިމޮޅާއެކު ޓޮޓެންހަމް ވަނީ ލީގު ތާވަލުގެ އެއްވަނަ މަގާމަށް ނުވަ ޕޮއިންޓާއެކު ޖެހިލާފައެވެ.