29 Aug 2021, 23:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގެ ސަބަބުން އެމަނިކުފާނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޕީޕީއެމް ޕީއެންސީގެ ޖޮއިންޓު ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި އެންމެހާ މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ ރައީސް ޔާމީނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް ގެއްލުމެއް ލިބިވަޑައިގެންފައިވާކަމަށެވެ.
އަދި ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ލިބި ދީފައިވާ އެންމެހާ ހައްގުތައް ފޭރިގެންފައިވާކަމަށް އެ ގަރާރުގައިވެއެވެ.
އެހެންކަމުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ގެެއްލުންތަކުގެ ބަދަލު ހޯދުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަން އެ ގަރާރުގައި އެދިފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ގަދަބާރުން ކޮށްފައިވާ ހުކުމެއްކަމަށްވެސް އެ ގަރާރުގައި ބުންޏެވެ. އަދި ރައީސް ޔާމީން މިނިވަންކުރުމަށް ވެސް ގަރާރުގައިވަނީ ގޮވާލާފައެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މެންދުރު އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.
އިދިކޮޅު ކޯލިޝަނުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސް ޔާމީންގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.