އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރުކަމުން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ކެވިން ރުޑް ރޭ އިސްތިއުފާ ދެއްވިއެވެ. ރުޑް އިސްތިއުފާ ދެއްވީ އޭނާގެ އަމިއްލަ ފުޅު ލޭބަ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުމެއްގެ ސަބަބުން ކަން އޮސްޓްރޭލިއާގެ ނޫސްތަކުގެ ފާއިތުވި ހަފުތާގެ ސުރުހީތަކަށް ބަލާލުމުން އެނގެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމުން 2010 ވަނަ އަހަރު ކެވިން ރުޑް އިސްތިއުފާ ދެއްވި ދެއްވުމަކީ އޭނާ އެ ޕާޓީއަކަށް އަދިވެސް ނިސްބަތްވެވަޑައިގަންނަވާ ލޭބަޕާޓީގެ ފަރާތުން އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ޖޫލިއާ ގިލާޑާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ގެނައި އިންގިލާބެއް ފަދަ ކަމެއް ކަމަށް ރުޑް ވަނީ ނުސީދާކޮށް ވިދާޅުވެފަ އެވެ.

ކެވިން ރުޑް އިސްތިއުފާ ދެއްވި ސަބަބަކާ މެދު އޮސްޓްރޭލިއާގެ އާއްމުން ގިނަ ސުވާލުތަކެއް ކުރި ނަމަވެސް، އަދި އެ ގައުމުގެ ނޫސްތަކުގެ ފަލަ ސުރުހީތަކަކީ ލޭބަޕާޓީގެ އެތެރޭގެ ހަނގުރާމަ ކަމަށް ވިޔަސް، ރުޑްއާ އެކު އެއް ސުފުރާމަތިން ފާއިތުވި ދެއަހަރު ކޮފީ ހިއްޕެވި، ދުނިޔޭގެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އެކަމާ މެދު ހިތާމަ ކުރައްވާ ކަމަށް އޮސްޓްރޭލިއާގެ މަޝްހޫރު "ސިޑްނީ މޯނިން ހެރަލްޑް" ނޫހުން މިއަދު ބުންޏެވެ.

"ރުޑްއާ ގުޅުން އޮންނަ ދުނިޔޭގެ ވިއުގައިން އޭނާއަށް ދަނީ ހެޔޮ އެދުންތައް އޮހެމުންނެވެ. އެގޮތުން ކެނެޑާގެ ޗީފް ޑިޕްލޮމޭޓް ވިދާޅުވަނީ ރުޑް ގެއްލިވަޑައިގަތުމުން ފުން ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ." ސިޑްނީ މޯނިން ހެރަލްޑްގައި ވެއެވެ.

ރުޑް އިސްތިއުފާ ދެއްވުމުން، އެކަމާ ހިތާމަކުރައްވާ ކަމާއި އޭނާއަށް ތާއީދުކުރައްވާކަމަށް ވިދާޅުވެ، ސްވިޑެންގެ ފޮރިން މިނިސްޓަރު ކާލް ބިލްޑް އޮންލައިން މެސެޖެއް ފޮނުއްވި ކަމަށް ވެސް ނޫހުގައި ވެއެވެ.

ކެވިން ރުޑްގެ އިސްތިއުފާއާއި އޮސްޓްރޭލިއާގެ ސިޔާސީ ހަލަބޮލިކަމާ މެދު ހައިރާން ކަމެއް ލިބިވަޑައިގެން ހުންނެވި ކަމަށާއި އެހެން ނަމަވެސް އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރު މާޓީ ނަޓަލެގާވާ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައި، އަމިއްލަ ފުޅު ޕާޓީއާ ދެކޮޅަށް ކެވިން ރުޑް ތެދުވެވަޑައިގަތީ ގެއްލިވަޑައިގެންފައިވާ ބޮޑުވަޒީރުކަން އަލުން ހޯއްދަވަން މަސައްކަތް ކުރެއްވުމަށް ކަމަށް އޮސްޓްރޭލިއާގެ ބައެއް ނޫސްތަކުން ސިފަކުރެއެވެ. އަދި އަނެއްބައި ނޫސްތަކުން އެކަން ސިފަކުރަނީ، ޕާޓީގެ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމުގެ ގޮތުން ރުޑް ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރުޑްގެ މުވައްޒަފުން މިއަދު ބުރަކޮށް މަސައްކަތް ކުރަމުން ދަނީ އޭނާގެ ޕާލަމެންޓްރީ އޮފީހުގައިވާ ތަކެތި ޕެކްކޮށް، އެތަން ހުސްކުރުމަށް ކަމަށް ސިޑްނީ މޯނިން ހެރަލްޑްގައި ވެއެވެ.