29 Aug 2021, 20:58
ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތެއްްގެ ހުކުމް ވަކި ގޮތަކަށް އިއްވުމަށް ފަނޑިޔާރުންނަށް ނުފޯޒު ފޯރުވިކަމަށް ބުނެ ދައުރުވަމުން އަންނަ ވާހަކަތަކުގެ މައްސަލަ ބަލާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުުނު ބަޔާނެއްގައި ބުނީ ފަނޑިޔާރުންނަކީ ވަކި ކޮޅަކަށް ބުރަ ނުވެ މައްސަލަތަކުގައި އިންސާފުވެރިކަމާއެކު ހުކުމް ކުރަން ޖެހޭ ބައެެއްކަމަށެވެ.
އެހެންކަމުން އެެއްވެސް ފަރާތަކުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ފެންމަތިވާނަމަ އެކަމަކަށް ހާއްސަ ސަމާލުކަމެއް ދީގެން މައްސަލަ ތަހުގީގު ކުރާނެކަމަށް އެ ބަޔާނުގައިވެއެވެ.
ޖޭއެސްސީން ބަޔާނެއް ނެރެފައިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން" ކަމަށް އެ މައްސަލަ ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވި އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.
ހަމައެއާއެކު އިތުރު ފަނޑިޔާރެއްގެ އޯޑިއޯ ލީކުވެގެން އުޅޭކަމުގެ އަޑުތައްވެސް ސޯޝަލް މީޑިއާގައި އަންނަނީ ފެތުރުމުންނެވެ.
ރައީސް ޔާމީނުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުރަތަމަ ބެއްލެވި އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް އެންމެ ފަހުވަގުތު ސަސްޕެންޑު ކުރުމަށްފަހު އެ މައްސަލަ ދެން ބެއްލެވީ ފަސް ގާޒީންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ފާއިޒުގެ އިތުރުން ތިއްބެވީ ގާޒީ އަލީ ރަޝީދު ހުސެއިނާއި، ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމެވެ.
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.
އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ކްރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ ޖެނުއަރީ 21، 2021 ވަނަ ދުވަހުއެވެ. އެއަށްފަހު އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފައެވެ.