29 Aug 2021, 16:47
ރާއްޖޭގެ ސްކޫލްތަކުގައި އިނގިރޭސި ބަހުން އިސްލާމް މާއްދާ ކިޔައިވައިދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.
އިސްލާމް މާއްދާ ކިޔަވައިދިނުމާ ގުޅޭގޮތުން ފެތުރެމުން އަންނަ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް މާއްދާ ކިޔަވައިދިނުމުގެ މުގައްރަރު ތައްޔާރުކުރެވިފައި ވަނީ ދިވެހި ބަހުން ކަމަށެވެ.
ހަމައެއާއެކު އިސްލާމް ކިޔަަވައިދިނުމަށް ރާއްޖޭގައި ފެންވަރު ރަނގަޅު އެކަމަށް އެންމެ ގާބިލު މުދައްރިސުން ވެސް ތަމްރީނުވެފައި އެބަ ތިބި ކަމަށެވެ.
"އިނގިރޭސި ބަހުން އެ މާއްދާ ކިޔަވައިދިނުމަށް މި މިނސްޓްރީން ވިސްނާފައި ނުވާ ކަމުގައި ދެންނެވީމެވެ. އަދި އިސްލާމް ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ގެނައުމުގެ ވިސްނުމެއްވެސް މި މިނިސްޓްރީގެ ނެތްކަމުގައި ދެންނެވީމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ނަމަވެސް މޭ މަހުގެ ހަވަނަ ދުވަހު ދިން ހަމަލާއާއެކުު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ރިޕޯޓާ ގުޅިގެން އިނގިރޭސި ބަހުން އިސްލާމް ކިޔަވައިދިނުމަށް މަޝްވަރާކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރުން އިސްލާމް ޓީޗަރުން ގެނެސް ކިޔަވައިދިނުމަށް މަސައްކަތްކުރާ ކަމުގެ އަޑުތައް ވަރަށް ފަހުން ވަނީ ފެތުރިފައެވެ.
ހަރުކަށި ފިކުރަށް މަގު ފަހި ކޮށްދޭ އެންމެހާ ލިޔުންތައް އިސްލާމް ފޮތްތަކުން އުނިކުރަން ނިންމާފައިވާކަމަށް އެމްޑީޕީގެ މޭ ހައެއް ކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފް ވަނީ ރޭ ވިދާޅުވެފައެވެ.
އިސްލާމް މާއްދާ ކިޔަވައިދިނުމަށް ގެންނަ ބަދަލުތަކާ ގުޅިގެން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އިސްލާމް މުދައްރިސުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.