ވޮޝިންޓަން ( އޮގަސްޓް 29) : އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހުން ފޭބުމުގެ މަސައްކަތް ފެށިކަން އެމެރިކާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނީ މިހާރު ކުރިޔަށްދަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމުގެ އެންމެ ފަހު މަރުހަލާ ކަމަށާ މިމަރުހަލާގެ ދަށުން އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާވެސް އަފްޣާނިސްތާނުން ބާލާނެކަމުގައެވެ. ނަމަވެސް އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އާންމުން މި ތާރީޚުގެ ކުރިން އެގައުމުން ބޭލޭނެކަމުގެ ޔަގީންކަން ނެތްކަމަށާ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ އާންމުންގެ ހަގީގީ އަދަދުވެސް ސާފު ނޫންކަމަށް ޕެންޓަގަން އިން ބުނެފައިވެއެވެ.

އޮގަސްޓު މަހުގެ 31 ގެ ފަހުން ކޮމާޝަލް މަތިންދާބޯޓުތަކުގައިވެސް އެމެރިކާގެ އާންމުން އަފްޣާނިސްތާނުން ބާލަންޖެހިއްޖެނަމަ އެކަން ކުރެވިދާނެކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ކުރިން ބުނެފައިވެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާ އަދި އެމެރިކާއަށް ވާގިވެރިވުމަށް އަފްޣާނިސްތާނަށް ގޮސްތިބި ނޭޓޯގެ ސިފައިން އެގައުމުން ބޭލުމަށް އެމެރިކާ އަމިއްލައަށް ކަނޑައެޅި އެންމެ ފަހު ތާރީޚަކީ މި އޮގަސްޓު މަހުގެ 31 އެވެ. އަފްޣާނިސްތާން ކޮންޓްރޯލް ކުރާ ތާލިބާން ޖަމާއަތުންވަނީ އޮގަސްޓު 31 އަށްފަހު އެމެރިކާއާއި ނޭޓޯގެ ސިފައިން އަފްޣާނިސްތާނުގައި ތިބެއްޖެނަމަ ނަތީޖާ ގޯސްވާނެކަމުގެ އިންޒާރު ދީފައެވެ. ޕެންޓަގަންއިން ވަނީ އެމެރިކާއިން ތާލިބާނުންގެ މި އިންޒާރު އަޑުއަހާފައިވާކަމަށް ބުނެފައެވެ.

އަފްޣާނިސްތާނުގައި ތިބި އެމެރިކާއާއި ނޭޓޯގެ ސިފައިން މިހާރު ތިބީ ކާބުލް އެއާޕޯޓް ސަރަހައްދުގައި އެކަންޏެވެ. ކާބުލް އެއާޕޯޓްވަނީ އެމެރިކާ ސިފައިންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. އެތަން އޮޕަރޭޓް ކުރަނީވެސް އެމެރިކާ ސިފައިންނެވެ. އަފްޣާނިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީވެސް މިވަގުތު ހުރީ ކާބުލް އެއާޕޯޓް ތެރޭގައެވެ. ތާލިބާނުން ވަނީ އެމެރިކާއާއި ނޭޓޯ ގެ ސިފައިން އެ ގައުމުން އެއްކޮށް ފޭބުމާއެކު ކާބުލް އެއާޕޯޓާ ހަވާލުވާނެކަމަށް ބުނެފައެވެ.

އެމެރިކާއިން އަފްޣާނިސްތާނުގައި ހިންގި އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވުމަށް އަފްޣާނިސްތާނަށް ގޮސްތިބި ނޭޓޯގެ ސިފައިންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ސިފައިންވަނީ އިއްޔެ އަފްޣާނިސްތާނުން އެއްކޮށް ފައިބާފައެވެ. އިނގިރޭސި ދިފާއީ ވުޒާރާއިން ބުނާގޮތުން އަފްޣާނިސްތާނުގައި ތިބި އިނގިރޭސި ސިފައިންގެ އެންމެ ފަހުމީހުންނާ އަދި އަފްޣާނިސްތާނުން ބޭލުމަށް އިނގިރޭސި ސަރުކާރުން ކަނޑައެޅި އިނގިރޭސި ރައްޔިތުންނާ އަދި ޑިޕްލޮމެޓުންގެ އެންމެފަހު މީހުންވެސް އިއްޔެވަނީ އަފްޣާނިސްތާނުން ބާލާފައެވެ.

މިބައިމީހުން އަނބުރައި އިނގިރޭސިވިލާތަށް ގެންދިޔައީ އިނގިރޭސި ވައިގެ ސިފައިންގެ އަސްކަރީ ޓްރަންސްޕޯޓް މަތިންދާ ބޯޓެއްގައެވެ. މި ބޯޓު ކާބުލް އެއާޕޯޓުން ފުރައިގެން ޖެއްސީ އިނގިރޭސިވލާތުގެ ބްރިޒް ނޯޓަން އަސްކަރީ ބޭހުގައިކަން އިނގިރޭސި ދިފާއީ ވުޒާރާއިންވަނީ ކަށަވަރުކޮށްދީފައެވެ.