ކޮމަންވެލްތުން ނެރުނު ރިޕޯޓުގައި ހަތެއް ފެބުރުއަރީގެ ހާދިސާގައި ވެރިކަން ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ކަމަށް ބުނެފައިނުވާތީ އެކަމާ ޕީޕީއެމުން މަރުހަބާ ކިޔާކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާޕާސަން އަހުމަދު މަހުލޫފު ވިދާޅުވީ ހަތެއް ފެބުރުއަރީ ހާދިސާ އަކީ ބަޣާވާތެއްކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް ކޮމަންވެލްތު ފަދަ ބޮޑު ޖަމާއަތަކުން ނެރުނު ރިޕޯޓުގައި މިހާރުގެ ސަރުކާރަކީ ބަޣާވާތަކުން އައި ސަރުކާރެއް ކަމަށް ބުނެފައި ނުވުމަކީ އެކަމާ ވަރަށް ބޮޑަށް ޕީޕީއެމުން އުފާކުރާ ކަމެއް ކަމަށާއި އަދި ކޮމަން ވެލްތުގެ އެ ރިޕޯޓަށް މަރުހަބާ ކިޔާ ކަމަށެވެ.

"ބޭރުގެ އެފަދަ ބޮޑެތި ޖަމާއަތްތަކުން އެކަންކަން ބެއްލެވުމަށް ފަހު އެބޭފުޅުން އެ ރެކޮމަންޑުކުރާ ގޮތްތަކެއް ހުށައެޅުމަކީ މަރުހަބާ ކިޔާ ކަމެއް. އަޅުގަނޑު އެންމެ އުފާކުރާ ކަމަކީ އެބޭފޫޅުންނަށް [ކޮމަންވެލްތުން އައި ޓީމް] ގެ ބޭފުޅުންނަށް އެ ވަގުތުގެ ތެރެއިން ތަހުގީގުތަކުގައި ނުވަތަ ދެކުވުނު ވާހަކަތަކުގައި މިތަނުގައި ހިނގާދިޔައީ ބާޣާވާތެއް ނުވަތަ ކޫއެއް [އިންގިލާބެއް] ކަން ފާހަގަކޮށްފައި ނުވާތީ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ ކޮމަން ވެލްތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތަކުގެތެރޭގައި ރާއްޖޭގައި ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ދެމެހެއްޓުމާއި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ފެނިވަޑައިގަންނަވާކަމށް ރެކޮމަންޑުކޮށްފައިވާތީ އެކަންކަން ފުރިހަމަކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަށް މި ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ކޮމަން ވެލްތު ރިޕޯޓާއި ގުޅިގެން ފަތުރަމުންދާ ދޮގު ވާހަކަތަކަކީ ރާއްޖެ ކޮމަން ވެލްތުން ސަސްޕެންޑުކުރިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ކަމަށާއި ރާއްޖެ ކޮމަންވެލްތުން ސަސްޕެންޑު ކުރިނަމަ ވަރަށް ސާފުކޮށް އެ ބަޔާނުގައި އެކަން ފާހަގަކުރާނެ ކަމަށެވެ. އަދި މީގެކުރިން ދުނިޔޭގެ ބައެއް ގައުމަތަށް ކޮމަންވެލްތުން ސަސްޕެންޑުކުރިއިރު ނެރެފައިވާ ބަޔާންތަކުގައި ވަރަށް ސާފުބަހުން އެވާހަކަ ލިޔެފައި ވާކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"ރާއްޖެ ކޮމަން ވެލްތުން ސަސްޕެންޑުކުރި ކަމަކަށް ނެތް ބުނެފައެއް. މިސާލަކަށް ޕާކިސްތާނު ކޮމަން ވެލްތުން ސަސްޕެންޑު ކުރިއިރު އޭރު ނެރުނު ބަޔާނުގައި ސާފުކޮށް ބުނެފައި އޮތް ޕާކިސްތާނު ކޮމަން ވެލްތުން ސަސްޕެންޑުކޮށްފި [ކަމަށް]. ރާއްޖެއާއި ބެހޭ ކަންކަމުގެ މަޝްވަރާތައް ކުރިއަށް ދާތީ އެކަމުގެ މަސްލަހަތު އޮތް ފަރާތުން ކޮމަން ވެލްތު މިނސްޓްރީއަލް ގުރޫޕްގައި އިނުން އެއީ ރަނގަޅުކަމެއް ނޫންކަމަށް ގަބޫލުކުރެވޭތީ މަޑުކޮށްލަން އަންގައިގެން. އަޅުގަނޑުމެން ވެސް ގަބޫލްކުރަނ އެއީ ރަނގަޅުކަމެއް ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ކުރީގެ މުހައްމަދު ރައީސް ނަޝީދުގެ ސަރުކާރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ދޫކޮށްލުމަށް އެދި ބޭރުގެ ބައެއް ފަރާތްތަކުންނާއި ޔޫއެން ގެ ބަޔާންތައް ނެރުމުން ވެސް އެކަމާ އަޅާނުލުމަށް ފަހު މިއަދު ކޮމަން ވެލްތުން ބަޔާނެއް ނެރުމުން އެކަން މާބޮޑު ކޮށްލައިގެން އުޅެނީ ކަމަށެވެ. އަދި ވިދާޅުވީ މިހާރުގެ ސަރުކާރަކީ ބޭރުގެ ފަރާތްތަކުން ނެރޭ އެފަދަ ބަޔާންތަކަށް އަޅާނުލާ ނުތިބޭނެ ސަރުކާރެއް ކަމަށާއި އެކަންކަމަށް ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތަށް އަޅާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.